ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް އާއްމުންގެ އިތުބާރު ބޭނުންވޭ: އޭޑީކޭ

ހިތުގެ އޮޕަރޭޝަން ފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރުމުގެ ގާބިލްކަން ރާއްޖޭގެ ހޮސްޕިޓަލުތަކުގައި އެބަހުރި ކަމަށާއި އެކަމަކު އެކަން ކުރުމަށް އާއްމުންގެ އިތުބާރު ބޭނުންވާ ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭ އިން މިއަދު ބުނެފި އެވެ.


ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި ހިތުގެ ބައިޕާސް އޮޕަރޭޝަނާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ މި އަހަރުގެ މާޗް މަހު އެ ހޮސްޕިޓަލުގައި ކެތުލެބާއި އޮޕަރޭޝަން ތިއޭޓަރު ގާއިމުކޮށް، ހިތުގެ އޮޕަރޭޝަންތައް ކުރުމަށް ތައްޔާރުވެފައިވާކަން އިއުލާންކޮށްފައިވާ ކަމަށާއި އެކަމަކު އެ ފަދަ އޮޕަރޭޝަނެއް ކުރާނެ މީހަކު ހޯދުމަކީ ދަތިކަމެއް ކަމަށެވެ.

އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް އޭނާ ފާހަގަ ކުރެއްވީ، އާއްމުންނަށް އެނގޭ ހިތުގެ މި ފަދަ ބޮޑެތި އޮޕަރޭޝަންތައް ރާއްޖޭގައި ކުރުމުގައި އާއްމުންގެ އިތުބާރު ނެތުމެވެ. މި ފަދަ އޮޕަރޭޝަނެއް ކުރުމުގައި ދިވެހި ޑޮކްޓަރުންނަަށް އިތުބާރުކޮށް، އެއްބަސްވުން އެއީ ވަރަށް ބޮޑު ކަމެއް ކަމަށާއި އެކަމަކު އިއްޔެ އެ އޮޕަރޭޝަނެއް ކުރުމަކީ ސިއްހީ ދާއިރާ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އާއިލާ އާއި ޕޭޝަންޓުގެ އިތުރުން އާއްމުންގެ ފަރާތުން ވެސް މި ފަދަ އެއްބާރުލުމެއް ލިބޭނަމަ، މި ހިދުމަތްތައް ރާއްޖޭގައި ކުރިއަރާނެ. ކާމިޔާބުކަމާ އެކު އިއްޔެ އެހާ ބޮޑު އޮޕަރޭޝަނެއް ކޮށް ނިންމާލެވުމަކީ ހަމައެކަނި އޭޑީކޭ އަށް ލިބުނު ފަހުރެއް ނޫން. އެއީ މުޅި ރާއްޖެ އަށް ލިބުނު ކުރިއެރުމެއް،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ފުރަތަމަ ކުރި ބައިޕާސް އޮޕަރޭޝަން އިއްޔެ އޭޑީކޭގައި ކުރީ، މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއަކު ހިތުގެ މައްސަލައެއްގައި އިއްޔެ އެ ހޮސްޕިޓަލަށް ގެންދިއުމުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

އޭޑީކޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، އެ ތަނުގެ ކާޑިއޮލޮޖީ ޑިޕާޓްމެންޓްގެ ބައެއް މުވައްޒަފުންނާއި ވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން-- މިހާރު ފޮޓޯ: އަހުމަދު ނިޝާތު

ނުވަ ގަޑިއިރުގެ މި އޮޕަރޭޝަން ކުރެއްވީ ހިތުގެ އޮޕަރޭޝަނަށް ހާއްސަ ދިވެހި ޑޮކްޓަރު، ޑރ. މުހައްމަދު ޝާފިއު އާއި ނޭޕާލްގެ ޑރ. ރަންޖަން ސަޕްކޮޓާ އެވެ. އެކަމަކު އިއްޔެ މެންދުރުން ފެށިގެން، ފަތިސް ވާންދެން މި އޮޕަރޭޝަނުގެ އެކި ކަންކަމުގައި ބޮޑު ޓީމެއް ހަރަކާތްތެރިވި އެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝާފިއު ވިދާޅުވީ އޮޕަރޭޝަނަށް ދާ ހަރަދު ހޯދާ އާސަންދަ ފޯމަށް ބަރޯސާވުމުގެ ބަދަލުގައި، ހިތްހަމަޖެހިގެން، ޑޮކްޓަރަށް އިތުބާރު ކޮށްގެން ހޮސްޕިޓަލަށް ދާނަމަ، އޭނާ އެ ތަނުން ނިކުމެގެން ދާނީ އެކަށީގެންވާ ފަރުވާ ހޯދައިގެން ކަމަށެވެ.

އަދި ބޭރު ބަޔަކު ގެނެސްގެން، އެމީހުން ލައްވާ ހިދުމަތްތަކެއް ދީގެން، އެ ޔަގީންކަމެއް ނުގެނެވޭނެ ކަމަށާއި ކޮންމެ ދާއިރާއެއް ވެސް ކުރިއަރައި ދާނީ އެ ތަނެއްގައި ދިވެހިން ތިބެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސެންޓަރު މާކުރިން ހުޅުވައިފިން. އެކަމަކު އަޅުގަނޑު އޯޕީޑީގައި އިންނަ އިރު ކޮންމެ މީހަކު ވެސް އަންނަނީ އާސަންދަ ފޯމު ހިފައިގެން. އަޅުގަނޑު ގަބޫލު ކުރާ އެއްޗެއް ނޫން އެ ފޯމަކީ. އެކަމަކު މާތްކަލާނގެއާ ވަކީލުކޮށްގެން، ހިތްހަމަ ޖެހިގެން، އަޅުގަނޑަށް އިތުބާރުކޮށްގެން ފަރުވާ ހޯދަން އަންނަ ނަމަ، ހޮސްޕިޓަލުން ދާނީ އެ ފަރުވާ ލިބިގެން،" ރާއްޖޭން ބޭރުގައި ވެސް ހިތުގެ ބޮޑެތި އޮޕަރޭޝަންތައް ކުރައްވާފައިވާ ޑރ. ޝާފިއު ވިދާޅުވި އެވެ.

"ބޭރު ބަޔަކު ގެނެސްގެން އެ އިތުބާރެއް ގާއިމެއް ނުކުރެވޭނެ. މިއަދު އަޅުގަނޑުމެން އެކަން ކޮށްފިން،"

ބޮޑެތި އޮޕަރޭޝަންތައް ކުރުމުގައި އާއްމުންގެ އިތުބާރު ނުލިބޭ އަނެއް ސަބަބަކަށް ޑރ. ނިޔާފް ފާހަގަ ކުރެއްވީ އިތުބާރު ލިބޭ ފަދަ މާހައުލެއް ވެސް ސިއްހީ ދާއިރާ އިން ދައްކުވައިދީފައި ނުވުމެވެ. އެގޮތުން ރާއްޖެއަކީ ހިތުގެ ބަލިތައް ނިސްބަތުން ގިނަ ގައުމެއް ނަމަވެސް، އެ ފަދަ މީހުން ދެނެގަނެ، ބޭނުންވާ ފަރުވާ ރާއްޖޭން ދިނުމަށް މީގެ ކުރިން މާ ބޮޑު އިސްކަމެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް ވަސީލަތްތައް ހުރި ނަމަވެސް، އާއްމުން އެ އޮޕަރޭޝަން ކުރަން ޖެހޭ ސަބަބުން [ސިއްހީ ދާއިރާ] އިން ދައްކައިދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުމެން ކައިރި އަށް އަންނަ ބަލިމީހުން ރަނގަޅުވީމައި، އެ ވާހަކައެއް ގިނަ ފަހަރަށް ނުދެއްކޭ. އެކަމަކު ދެރަކޮށް ދާ ކަންކަމުގެ ވާހަކަ ދެއްކީމައި، މީހުން އެބަ ނުތަނަވަސްވޭ. އަޅުގަނޑުގެ ކޮލީގުންނަށް ވެސް ދަންނަވަން ބޭނުން ވަނީ، ރާއްޖޭގެ ސިއްހީ ދާއިރާގައި ވެސް ތިބީ ވަރަށް ޑެޑިކޭޓެޑް ބައެކޭ، އާއްމުންގެ ފަރާތުން އެ ޓްރަސްޓް ލިބޭތޯ ތަންކޮޅެއް އޯޕަންކޮށް މަސައްކަތް ކުރަން ޖެހެއޭ." ޑރ. ނިޔާފް ވިދާޅުވި އެވެ.

"އާއްމުންނަށް ދެންނެވޭނީ އަޅުގަނޑުމެންނަށް އެ ޓްރަސްޓް ދެއްވާށޭ. އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ،"

އޭޑީކޭއިން ބުނި ގޮތުގައި މި ފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރިމަގުގައި ވެސް އެތަނުން ކުރާނެ އެވެ. އަދި އެކަމަށް ދާ ހަރަދުގެ ބޮޑު ބައެއް އާސަންދަ އިން ކަވަރު ކުރާއިރު، ފަރުވާ ހޯދަން ރާއްޖޭން ބޭރަށް ދިޔުމުގެ ބަދަލުގައި އަމިއްލަ ފަސްގަނޑުގައި ތިބެގެން އެކަން ކުރުން މާ ރަނގަޅުކަމުގައި އެތަނުން ބުންޏެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ