ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.


ކުރިން ހަމަޖައްސާފައިވާ ގޮތުން، އަންނަ ހުކުރު ދުވަހަކީ ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް އެދުމުގެ އެންމެ ފަހު ދުވަހެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމާ އެކު، އެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވެ އެވެ.

މުއިއްޒު ވިދާޅުވީ، ހިޔާ މަޝްރޫއަށް ލިބެމުން އަންނަ ތަރުހީބުން، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް ރައްޔިތުންގެ ތާއީދާއި އިތުބާރު އޮތްކަން ހާމަވާ ކަމަށެވެ.

ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މި މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިިދިޔަ ޖޫން މަހު އެވެ. އެއާ އެކު، ގިނަ ބައެއްގެ ތަރުހީބު ލިބިފައި ވެ އެވެ.

ޖުމްލަ 12 ކެޓަގަރީއަކަށް ބަހާލައިގެން ދޫކުރާ މި ފްލެޓުތަކަށް އެދުމުގެ ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

މުއިއްޒު ކުރެއްވި ޓްވީޓް

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓް، އުމުރުން 18-40 ދެމުދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތި ހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ ފްލެޓުތަކަށް ވަދެވޭނެ ކަމަށް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވެ އެވެ.