ދައުލަތުގެ ބައިތުލްމާލާ ބެހޭ ގޮތުން ރައްޔިތުންނަށް ސުވާލު ކުރުމުގެ ހައްގު އޮންނާނެ ކަމަށާއި އެއީ ރައްޔިތުން ހަވާލު ކުރާ އަމާނާތެއް ކަމަށް ޝެއިޚް އިލްޔާސް ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ދައުލަތުގެ ބައިތުލްމާލުން ބޭނުންހާ ގޮތަކަށް ބޭނުން ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި އެއީ ރައްޔިތުން ވެރިމީހާއާ ހަވާލު ކުރާ އަމާނާތަކަށްވާތީ، އެކަމާ ބެހޭ ގޮތުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ބައިތުލްމާލުގެ ފައިސާއަކީ ރައްޔިތުންގެ ފައިސާ. އެ އަށް ހިޔާނާތްވުމަކީ ވަރަށް ބޮޑު ފާފައެއް،" އޭނާ ވިދާޅުވި އެވެ. "ބައިތުލްމާލުގެ މުދަލަކީ މުސްލިމުންގެ މުދާ. އެ މުދަލަށް ހިޔާނާތްތެރިވެއްޖެ ނަމަ މާދަމާ ޖަވާބުދާރީވާން ޖެހޭނެ."

އިލްޔާސް ވިދާޅުވީ އެކަމާ ބެހޭ ގޮތުން ކޮންމެ ރައްޔިތަކަށް ވެސް ސުވާލު ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ. ނަމަވެސް އިސްލާމް ދީނޭ ކިޔާފައި ވާހަކަ ދައްކާ މީހުން އެކަން ގަބޫލު ނުކުރާ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ މީހަކަށް ވެސް [ބައިތުލްމާލާ] ބެހޭ ގޮތުން ސުވާލު ކުރުމުގެ ހައްގު އެބަ އޮތް. އެކަމަކު މިއަދު [އަޅުގަނޑުމެންނަށް] އެ ހައްގެއް ނެތް. އެކަމަކު ވެސް ބުނަނީ އިސްލާމް ދީނޭ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ނެތް ސުވާލު ކުރުމުގެ ހައްގެއް. [ސުވާލުކޮށްފި ނަމަ] ވިދާޅުވަނީ އޭ ސުވާލު ނުކުރާތީ. [އެކަމަކު] ސުވާލު ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް އޮންނާނެ."

ނަމަވެސް މިފަދަ ކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ވަލިއްޔުލްއަމުރާ ދެކޮޅަށް ބަޣާވާތެއް ކުރުން ކަމަށް ބައެއް ބޭފުޅުން ސިފަ ކުރައްވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އެކަމަކު [ޤުރުއާނުގެ] މި އާޔަތްތައް ކިޔައިގެން ހައްޔަރު ކުރިޔަސް ބިރުގަތުމުގެ ޒައްރެއްގެ މިންވަރެއް ވެސް ނެތް. ފޮތިފޮތި ޖަހާލިޔަސް މައްސަލައެއް ނެތް. އެކަމާ އަޅުގަނޑު ބިރެއް ވެސް ނުގަނޭ،" އިލްޔާސް ވިދާޅުވި އެވެ.

ޝެއިހް އިލްޔާސް ވިދާޅުވީ މަގާމަކާ ހަވާލުވެގެން ހުންނަ މީހަކަށް ކަނޑައެޅިފައިވާ އުޖޫރައިގެ ބޭރުން ނަގާ ކޮންމެ އެއްޗަކީ ހިޔާނާތް ކަމަށާއި މަގާމެއްގައި ހުރެގެން އެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަގާ ފައިދާއަކީ ވެސް ރިޝްވަތު ކަމަށެވެ.

އަދި ރައްޔިތުންގެ ބައިތުލްމާލުން ހަރަދުކޮށްގެން ރައްޔިތުންނަށް ކޮށްދޭ ކަންކަމަކީ ތިމާ ކޮށްދޭ ކަމެއް ކަމަށް ވެސް ނުބުނެވޭނެ ކަމަށް ވިދާޅުވި އެވެ.

"ދައުލަތުގެ ބައިތުލްމާލަކީ މުސްލިމުންގެ ފައިސާ އާއި ރުފިޔާ. އެ ރުފިޔާ އިން އެ މީހުންނަށް މުސާރަ ދެނީ. އެއީ މީހެއްގެ ޖީބުން ދޭ އެއްޗެއް ނަމަ ދެން އަސާސީ ހިދުމަތްތައް ވާސިލްކޮށް ދެއްވާފައި ނަރުދަމާ ގާއިމުކޮށް ދެއްވާފައި ބަނދަރުތައް ހައްދަވާ ދެއްވާފައި ފެނުގެ ނިޒާމު ގާއިމުކޮށް ދީފައި ބްރިޖް އަޅުއްވާ ދެއްވާފައި ތިމަންނަ ކޮށް ދިން ކަންތައްތަކޭ ބުނާ ކަމަށް ވަނީ ނަމަ އެއީ ގޯހެއް،" އިލްޔާސް ވިދާޅުވި އެވެ. "އެއި ހިޔާނާތެއް. އެއީ އަމިއްލަ އަށް ކުރި ކަންކަމެއް ނޫން. [އެ ކަންކަން] ކުރަނީ ބައިތުލްމާލުގެ ރުފިޔާ އިން."