ޑިފެންސްގެ އާ އިމާރާތަށް އިންޑިއާގެ 80 މިލިއަން ރުފިޔާ ލިބިއްޖެ

ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް ބިނާކުރަން އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދޭން ބުނި 80 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


ކޯސްޓް ގާޑް ބިލްޑިން ހުންނަ ތަނުގައި ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް ހަދަން ނިންމާފައިވާ އިރު، މިހާރު އެ މިނިސްޓްރީގެ މަސައްކަތްތައް ކުރަނީ ބަންޑާރަ ކޮށީގައި ހުންނަ ވަކި އިމާރާތެއްގަ އެވެ.

"މިހާރު"އަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު ޝަރީފް ވިދާޅުވީ އިންޑިއާ އިން ދޭން އެއްބަސްވި ހުރިހާ ފައިސާއެއް ވެސް މިހާރު ލިބިފައިވާ ކަމަށެވެ. ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމަށް ބޭނުންވާ އެހީ ދޭން އިންޑިއާ އިން އެއްބަސްވީ 2013 ގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯސްޓްގާޑް ބިލްޑިން ގައި މަސައްކަތް ކުރާ މީހުން އެހެން އިމާރާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ކޯސްޓްގާޑް ބިލްޑިން ގައި ތިބި މީހުން އެހެން ތަނަކަށް ބަދަލުކުރާނެ ތަނެއް ހަމަޖައްސައި، މީހުން ބަދަލު ކުރުމަށް ފަހު މަސައްކަތް ފެށޭނީ،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ޑިފެންސް މިނިސްޓްރީގެ އާ އިމާރާތުގައި ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ އެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައެޅުން ހުއްޓުވުމަށް ސަރުކާރުން އެކުލަވާލި ނެޝަނަލް ކައުންޓާ ޓެރަރިޒަމްގެ މަސައްކަތްތައް ވެސް ހިނގާނީ އެތަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިފެންސް މިނިސްޓްރީގެ އިދާރީ ބައިތަކާއި ކައުންޓާ ޓެރަރިޒަމް ސެންޓަރު ހިނގާނީ އާ އިމާރާތުގައި،" ޝަރީފް ވިދާޅުވި އެވެ.

މި އަހަރުގެ ތެރޭގައި ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން ކޯސްޓްގާޑް ބިލްޑިން ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.