މޭޑޭގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި އިތުރު ދެ މީހަކު ހަތް އަހަރަށް ޖަލަށް

މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި އިތުރު ދެ މީހަކު ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


މިދިޔަ އަހަރު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލާގައި މީގެކުރިން ހަތް މީހަކު ވަނީ ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. އެކި މީހުންނަށް އައިސްފައި ވަނީ އެކި މުއްދަތުގެ ހުކުމެވެ.

މިއަދު ހުކުމްކޮށްފައި ވަނީ ގ. ފްރެޝްލައިޓް އިބްރާހިމް ރަޝީދާއި ސ. ހުޅުދޫ އޮސްޓްރޭލިއާ، އިބްރާހިމް އިބާދެވެ. މި ދެ މީހުން ޖަލަށް ލިޔަސް އެ މީހުންނާ އެކު ދައުވާލިބުނު ސ. ހުޅުދޫ އިރުވައި، އަހުމަދު އުނައިސްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

އިބާދަކީ ފުލުސް މީހާގެ ހެލްމެޓު ގަދަކަމުން އަތުލައި، ހެލްމެޓުން އޭނާއަށް ހަމަލާދިން މީހާ އެވެ. އިބްރާހިމް ރަޝީދަކީ މަގުމަތީގައި އޮޮތް ކޯނަކުން ފުލުސް މީހާއަށް ހަމަލާދިން މީހާ އެވެ.

އެ މައްސަލާގައި އިތުރު 10 މީހަކަށް ދައުވާކޮށް، އޭގެ ތެރެއިން ހަތް މީހަކު ކުށްވެރިވާތީ އޭގެ ތެރެއިން ހަ މީހަކު ފަސް އަހަރަށް އަދި އެކަކު ހަތް އަހަރަށް ޖަލަށްލާން ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. ބާކީ ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ނިންމައިފަ އެވެ.

މިއަދު ކޯޓުން ހުކުމްކުރީ އެ މައްސަލާގައި ދައުވާ ލިބުނު މީހުންގެ ތެރެއިން މައްސަލަ ނުނިމި ބާކީ ތިބި ތިން މީހުންނަށެވެ.

މޭޑޭ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަން ސާބިތުވެ، އަދާލަތު ޕާޓީގެ ލީޑަރު ޝައިހް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުގަ އެވެ.