އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ފޯނުން މީހަކާ ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ލީކްކޮށްފައިވާއިރު، އެއީ އޭނާ އެކި ފަހަރުމަތިން ދައްކާފައިވާ ވާހަކަތަކުން އެހެން މާނައެއް ނެރުމަށްޓަކައި ހަދައިގެން ނެރެފައިވާ އޯޑިއޯއެއް ކަމަށް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
"...މިގޮތުން ސޯޝަލް މީޑިއާގައި ލީކް ކޮށްފައިވާ އޯޑިއޯ އަކީ އަޅުގަނޑު ފޯނުން ތަފާތު އެކި ފަހަރު މަތިން ދައްކާފައިވާ ވާހަކަތައް، އަޅުގަނޑަށް ނޭނގި ރިކޯޑުކޮށް، ވާހަކަތަކުގެ ތަރުތީބު އިސްފަސްކޮށް، ވަކި މާނައެއް ނެރުމަށް އަދި ވަކި ވާހަކައެއް ދޭހަ ކޮށްދިނުމަށް އެޑިޓްކޮށް، ޑަބް ކޮށްފައިވާ އޯޑިއޯއެއް ކަން ދަންނަވަމެވެ،" އޯޑިއޯ ލީކްވުމާ ގުޅިގެން ޝަރީފް ނެރުއްވި ބަޔާނުގައި ވެ އެވެ.
އޭނާ ވިދާޅުވީ އެ އޯޑިއޯގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅުއްވަން ގަސްދު ކުރައްވާ ކަމަށެވެ. އަދި އެއާ ގުޅޭ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މި އޯޑިއޯގައި ޝަރީފް ވާހަކަ ދައްކަނީ ކާކާ ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު، އެ މީހާގެ ވާހަކައިގައި ޝަރީފާ މުޚާތަބު ކުރަމުން ދިޔައީ "ސާ" ގެ ނަމުގަ އެވެ. އަދި އޯޑިއޯ ވަރަށް ބޮޑަށް އެޑިޓްކޮށް، ބައެއް ވާހަކަތައް ކަނޑާފައިވާކަން ފާހަގަކުރެވެ އެވެ. އެހެންވެ، ޝަރީފް ވާހަކަ ދައްކަވަނީ ސީދާ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ސާފެއް ނޫނެވެ. ނަމަވެސް، ޝަރީފާ ވާހަކަ ދެއްކި މީހާ ތަކުރާރުކޮށް ބުނަމުން ދިޔައީ "ވަރަށް ބިރުގަންނަ" ކަމަށާއި އެ ކަމެއް އެނގިއްޖެ ނަމަ "މަގޭ ދުވަސް ދާނެ" ކަމަށެވެ. އަދި ޝަރީފް އެ މީހާ ކައިރީގައި ވިދާޅުވަމުން ގެންދެވީ "އެނގޭ ކަމަށް ވެސް" ނުހެދުމަށެވެ. އަދި ހާސް ނުވުމަށާއި ވަސްޓްއެޕުން ނޫނީ ނުގުޅުމަށް ޝަރީފް އެދިވަޑައިގަންނަވަ އެވެ.
"ރައީސް މީހަކު ގުރުބާން ކޮށްފާނެ ކޮންމެ ފަދަ ކަމެއްގައި ވެސް" ޝަރީފް ވިދާޅުވާ އަޑު އޯޑިއޯގައި އިވެ އެވެ. އެކަމަކު، އެއީ ކީއްވެގެން ވިދާޅުވި އެއްޗެއް ކަމެއް އަދި ކޮން މާނައެއްގައި ވިދާޅުވި އެއްޗެއް ކަމެއް ނޭނގެ އެވެ.
މި އޯޑިއޯ ލީކުވުމާ ގުޅިގެން ޝަރީފް ނެރުއްވި ބަޔާނުގައި ވިދާޅުވީ، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ކަމަށް ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން އިއްތިފާގު ވެފައިވާއިރު، އޭނާ ވޯޓު އޮޅުވައިލި ކަމުގެ ސާބިތު ހިފޭ އެއްވެސް ހެއްކެއް، ގަރީނާއެއް ނެތި ބުނާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުންގެ މެދުގައި އޭނާ އަށް އޮތް އިތުބާރު ނަގާލައި، ކޮމިޝަނުގެ ކަންކަމާ މެދު ސުވާލު އުފައްދަން ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"މީގެ އިތުރުން، އަޅުގަނޑު އެ ޕާޓީ އަކަށް ކުރިން ނިސްބަތްވާ، އަދި އެ ޕާޓީ އަކަށްޓަކައި ނުހަނު ބުރަ މަސައްކަތެއް ކޮށް، ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ޕާޓީ ކަމުގައިވާ ޕީ.ޕީ.އެމްގެ ލީޑަޝިޕާއި އާންމު މެމްބަރުން އަޅުގަނޑާ މެދު ދެކޭ ގޮތް ކިލަނބު ކޮށްލުމަށް، ބަޔަކު ރާވައިގެން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" ޝަރީފް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް ބާއްވަމުން އައި ޝަރީފް ވިދާޅުވި ގޮތުގައި، އޭނާގެ ޒިންމާތައް އަދާކުރެއްވުމުގައި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވައިފައެއް ނުވާނެ އެވެ. އަދި ވިދާޅުވީ، ގާނޫނާއި ގަވައިދުގެ ތެރެއިން ނޫން ގޮތަކަށް ރިޔާސީ އިންތިޚާބުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.
"އަދި އަޅުގަނޑާ މަތިކޮށްފައިވާ ޒިންމާތައް އަމާނާތްތެރިކަމާ އެކު، އަދާކުރުންމަތީ ދެމިހުންނާނެ ވާހަކަ ދަންނަވައި މި ކަން ކުރުމުގައި އެންމެހައި ފަރާތްތަކުގެ އެއްބާރުލުން އެދޭ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ޝަރީފް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބާ ގުޅޭ ކަންބޮޑުވުންތަކާއި މައްސަލަތަކަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީ ވުމަށް ޕީޕީއެމުން މިއަދު ވަނީ ގޮވާލައިފަ އެވެ.
ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ.