އާ މަޝްރޫއުތައް މަޑުޖައްސާލަން އިބޫ އެދިވަޑައިގެންފި

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ފަށާފައިވާތީ، އެއްވެސް އާ މަޝްރޫއެއް މި ވަގުތު ކުރިއަށް ނުގެންދިޔުމަށް، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެދިވަޑައިގެންފި އެވެ.


އިބޫގެ ފަރާތްޕުޅުން، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ފޮނުއްވި ސިޓީއެއްގައި، ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންޒިޝަން އަހުމަދު ލަތީފް ވިދާޅުވީ އާ މަޝްރޫއުތައް ނުފެށުމުގެ އިތުރުން، އިންތިގާލީ މި މަރުހަލާގައި އާ މަޝްރޫއުތައް ބީލަމަށް ނުލުމަށާއި ދައުލަތުގެ ނަމުގައި އެއްވެސް ލޯނެއް ވެސް ނުނެގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ދައުލަތުން މާލީ ޒިންމާއެއް އުފުލަން ޖެހިދާނެ ފަދަ އެއްވެސް މުއާމަލާތެއް، މި މަރުހަލާގައި ނުހިންގުމަށް ވެސް އިބޫ އެދިވަޑައިގަންނަވާ ކަމަށް ސިޓީގައި ލަތީފް ވިދާޅުވެފައި ވެ އެވެ.

އިންތިގާލީ މަރުހަލާގެ ކަންކަމަށް އިބޫގެ ފަރާތުން ކަނޑައަޅާފައިވާ ކޮމެޓީތަކުން މިހާރު އަންނަނީ މިނިސްޓަރުންނާއި ދައުލަތުގެ މިނިވަން މުއައްސަސާތަކާ ބައްދަލު ކުރައްވައި މަޝްވަރާ ކުރަމުންނެވެ އެކަމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން، ވަރަށް އަމާން ކަމާއެކު ކުރިއަށް ދާ ކަމަށް، އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބޫ ކުރި ހޯއްދެވީ ޖުމްލަ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. އިބޫ ކުރި ހޯއްދަވާފައި މި ވަނީ، 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.