ނުރަސްމީ ދަތުރުފުޅެއްގައި އިބޫ ރާއްޖޭން ބޭރަށް ވަޑައިގަންނަވަނީ

ނުރަސްމީ ދަތުރުފުޅެއްގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން ހަމަޖައްސައިފި އެވެ.


އެ މަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ ދެ ދުވަހުގެ ދަތުރުފުޅަށް ފަހު އަންނަ ބުދަ ދުވަހު، އިބޫ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ވަޑައިގަންނަވަނީ ކޮން ގައުމަކަށް ކަމެއް ވިދާޅެއްނުވެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވެސް އިބޫ ވަނީ އަމިއްލަ ދަތުރުފުޅެއްގައި ބޭރަށް ވަޑައިގެންފަ އެވެ. މިދިޔަ ޖުލައި މަހު އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ ދަރިފުޅުގެ ގްރެޖުއޭޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.

އޭގެ ފަހުން އިންތިޚާބުގެ ކެމްޕެއިނަށް ސްރީލަންކާއަށާއި ސިންގަޕޫރަށް ވަޑައިގެންނެވި އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބުކުރެއްވީ 134،705 ވޯޓުންނެވެ. ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ލިބިވަޑައިގަތީ 96،052 ވޯޓެވެ.

އިބޫ ރައީސްކަމުގެ ހުވާކުރުން އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނަ އިރު އެ ރަސްމިއްޔާތުގައި ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ގަލޮޅު ދަނޑުގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.