ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ވައްދައިފި

ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތް ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލައެއް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިއަދު ވައްދައިފި އެވެ.


އެއީ ދުސްތޫރީ މައްސަލައެއް ކަމަށާއި އެ މައްސަލަ، ރާއްޖޭގެ އެންމެ މަތީ ކޯޓަށް ވެއްދީ އިންތިޚާބާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ސަޕޯޓަރުން ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އިންތިޚާބާ ގުޅޭ ދުސްތޫރީ ކޮން މައްސަލައެއް ކަމެއް ވަކީލުން ވިދާޅެއް ނުވެ އެވެ.

ރައީސް ޔާމީންގެ ވަކީލް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެމަނިކުފާނުގެ ފަރާތްޕުޅުން ކަނޑައަޅާފައިވާ މެމްބަރު މުހައްމަދު ސަލީމް (ރޭނީސް ސަލީމް) ވިދާޅުވީ، އިންތިޚާބާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ޕީޕީއެމުގެ ސަޕޯޓަރުން ހުށަހަޅާފައިވާ ކަމަށެވެ. އިންތިޚާބާ ގުޅޭ މައްސަލަ ކޯޓަށް ވައްދަން ރައީސް ޔާމީން ނިންމެވީ އެ މައްސަލަތަކަށް ބައްލަވާފައި ކަމަށް ސަލީމް ވިދާޅުވި އެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރިމަތިވި ތަފާތު މައްސަލަތަކާ ގުޅޭ ގޮތުން، އެ އިންތިޚާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނީޓަރުންނާއި އެހެނިހެން ފަރާތްތަކުން ވަރަށް ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

"މި ޝަކުވާތަކަށް ރިއާޔަތްކޮށް، ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ އިންތިޚާބީ ހައްގުތައް ގެއްލިފައިވާ ކަމަށް ގަބޫލު ކުރެވޭ ނަމަ، އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް މި ޕާޓީން ގަބޫލު ކުރަމެވެ،" އިންތިޚާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގެ އިތުރުން ހައި ކޯޓަށް ވެސް ހުށަހަޅަން ނިންމާފައިވާކަން ހާމަކޮށް ނެރުނު ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި، އިންތިޚާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓާއި ހައި ކޯޓަށް ހުށަހަޅަން ނިންމީ ފުލުހުންގެ އިދާރާއިން ދީފައިވާ ޖަވާބަށް ރިއާޔަތް ކޮށެވެ.

ޕީޕީއެމުން ބުނީ، ވޯޓު ކަރުދާސްތައް ޗާޕްކުރުމުން ފެށިގެން ވޯޓު ލުމުގެ މަރުހަލާގައި އޮޅުވައިލުމާއި މަކަރާއި ހީލަތް އަދި ގާނޫނާ ޚިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖާއަށް އުނިއިތުރު ގެންނަން މަސައްކަތް ކޮށްފައިވާ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށެވެ.

"އެހެންކަމުން، މި ޕާޓީގެ މެމްބަރުންގެ ހައްގުތަކާއި މި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވި 96 ހާހަށް ވުރެ ގިނަ ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަކީ މި ޕާޓީގެ ޒިންމާއެއް ކަމަށް މި ޕާޓީގެ ކައުންސިލުން ދެކެ އެވެ،" ޕީޕީއެމުން ބުންޏެވެ.