ނިދި ބޭނުމެއް ނޫން! ބޭނުމީ ގޯތި!

މާފަންނު ފުޑް ކޯޓުތަައް ކައިރިން ހައުސިން މިނިސްޓްރީ ދޮށުން ފަށާފައި އޮތް ކިއު، ހަރުފައެއް ގޮތަށް އެނބުރެމުން ގޮސް ނިމިފައި އޮތީ ކަޅުތުއްކަލާ ކޮށި ކުރިމައްޗަށެވެ. އެ ދިގު ކިޔޫގައި މަދުވެގެން 500 އެއްހާ މީހުން ތިބޭނެ އެވެ. ގިނަ ބަޔަކު ގޯތި ގަންނަން ނަންބަރު ހޯދާށެވެ: "ނަސީބު ނަންބަރަކުން"، ހުޅުމާލެއިން ގޯތި ހޯދަން ބޭނުން މީހުންނަށް މަރުހަބާ އެވެ.


މިއީ މާދަމާއަށް ދޫކުރާ 500 ނަންބަރު ލިބޭތޯ ކިއޫގައި ތިބި މީހުންގެ ވާހަކަ އެވެ. އޭގެ ތެރެއިން އެކަކީ އަހުމަދު އާތިފް އެވެ.

"މިއަދު މެންދުރު 11:00 ޖެހީއްސުރެ އަހަރެން މިހުރީ ކިއޫގައި. ގޭގެ މީހުން އެ އުޅެނީ ފޯމުތައް ފުރުމުގައި. އަހަރެން މި އައީ [އޭގެ ކުރިން] މިތަނަށް،" އުމުރުން 32 އަހަރުގެ އާތިފް ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި، އެންމެ ހަތަރު ލައްކަ ރުފިޔާ އަށް ވިއްކަން އިއުލާން ކުރުމާ އެކު އެތައް ހާސް ބަޔަކު ނިދި ދޫކޮށް ވަނީ ކިއުއަށް އަރައިފަ އެވެ.

މާލޭގައި ގޯތި ގެދޮރުގެ ދަތިކަން އޮތް މިންވަރު މި ކިއުތަކުން އެނގެ އެވެ. ޝަރުތު ހަމަވާ އެންމެންގެ މެދުގައި ގުރުނަގައިގެން ދޫކުރާ ގޯތި ލިބޭނެކަމުގެ ޔަގީންކަން، އެމީހުންނަށް އޮތީކީ ނޫނެވެެ. އެކަމަކު އޭސީސީން އެންގި އެންގުމާ ހިލާފަށް ގޯތި ދޫކުރުން ކުރިޔަަށް ގެންދިޔައަސް އާންމުން ތިބީ ގޯތި ހޯދުމުގެ އުއްމީދުގަ އެވެ.

ގޯތި ގަތުމަށް ހުޅުވާލުމަށްފަހު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޖުމްލަ 400 ގޯތި، 400،000ރ އަށް ވިއްކުމަށް ވަނީ ހުޅުވާލާފައި -- އަހުމަދު ނިޝާތު / މިހާރު ފޮޓޯ

އެގޮތުން އަދިވެސް މި ސަރަހައްދަށް އަންނަ މީހުން ވަނީ ގިނަ އެވެ. އެއް ބަޔަކު އެެެދެނީ ނަންބަރު އޮތް މީހުންގެ އަތުން އެ ނަންބަރު ގަންނާށެވެ. އަނެއް ބަޔަކު ހޯދަނީ ފައިސާ ދިނީމާ ކިއޫގައި ތިބޭނެ މީހުންނެވެ.

"އަހަރެން މިތާ ހުއްޓާ 10،000ރ. އަށް ނަންބަރު ވިއްކަން ވެސް ބުނޭ. އެހެރަ ދާ އަންހެން މީހާ ވެސް އެ ދަނީ ނަންބަރު ވިއްކާތޯ އަހައިފައި. މިއީ ހާލަކީ،" ކިއޫގައި ހުރި މީހަކު ބުންޏެވެ.

މިތާ ކިއޫގައި ތިބި ގިނަ މީހުން އިންތިޒާމްތަކާ މެދު ހިތްހަމައެއް ނުޖެހެ އެވެ. އަދި އާންމުންނަށް ބޮޑު ބުރައަކަށްނުވާ ގޮތަށް ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

"ބުޅާ ގަނޑެއްހެން އަހަރުމެން މިތާ މި އުޅެން ޖެހެނީ. ނުކައި، ނުނިދައި މިތާނގައި ހުރެފައި އަނެއްކާވެސް މަސައްކަތު ދާންވީ މާދަމާ. މި އަށް ވުރެ ރަނގަޅަށް ވެސް ކަންތައް ކުރެވޭނެ،" ކާގޯ ކްލިއަރެންސްގައި މަސައްކަތް ކުރާ އާތިފް ބުންޏެވެ.

ހުޅުމާލެއިން ގޯތި ގަންނަން މާދަމާ ފޯމު ހުށަހަޅަން ބޭނުންވާ މީހުން ހައުސިން މިނިސްޓްރީ ކައިރީގައި މިރޭ ކިޔޫ ހަދަައިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް ކިއޫގައި ތިބި އެއް ބަޔަކު ބުނަނީ ގިނަ މީހުންނަށް ގަނެވޭ ގޮތަށް އަގު ހެޔޮކޮށް ގޯތި ވިއްކަން ހުޅުވައިލުމުން އެކަމަށް ވަރަށް ތާއީދުކުރާ ކަމަށެވެ.

"އަހަންނަށް މަދީ 400 ގޯތި ވެސް. ބިން އޮތިއްޔާ ގޯތި ވިއްކަންވީ ހަމަ. ނިދާލާނެ ތަންކޮޅެއް ވެސް ނުލިބިގެން ވިއްޔާ މި އުޅެނީ،" ނޫހުގައި ނަން ޖަހަން ބޭނުންނުވާ 51 އަހަރުގެ ފިރިހެނަކު ބުންޏެވެ.

"އަދި ފޯމު ހުށަހަޅަން ދިން މުއްދަތު ވެސް މަދީ. އެ މުއްދަތު މިއަށް ވުރެ ދިގު ނަމަ ނުޖެހޭނެ ދޯ މިހެން އުޅޭކަށް. މިކަން ކުރަން އުޅުނުލެއް ވެސް ލަހީ. އެއީ ދެން އަންނަ އުޅޭ ސަރުކާރަކުން ވެސް ހިތްހަމަނުޖެހޭ ކަންތައް އެބަހުރި މި ކަމުގައި."

ހުޅުމާލެއިން ގޯތި ގަންނަން ފޯމު ހުށަހަޅަން ހައުސިން މިނިސްޓްރީއަށް ގޮސް ތިބި ބަޔަކު މިރޭ ޚިދުމަތް ހޯދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ގޯތި ގަތުމަށް ނަންބަރު ހޯދުމަށް އެތައް ސަތޭކަ ބަޔަކު ތިބިއިރު އެނގޭ އެކައްޗަކީ އެންމެން ވެސް ދިރިއުޅެމުންދަނީ ވަރަށް ހާލުގައި ކަމެވެ. ނަންބަރު ނަގަން އަދި ފޯމު ހުށަހެޅުމަށް އުފުލަން ޖެހޭ ބުރައަކީ، ކޮންމެ ދުވަހަކު އެމީހުން ގެއަށް ގޮސް އުޅެން ޖެހިފައިވާ ގޮތާ އަޅާ ބަލާއިރު، ލުއި ފަސޭހަ ކަމެކެވެ.

އެމީހުންނަަށް މިރޭ ނިންޖެއް މުހިންމެއް ނޫނެވެ.

"އަހަންނަކީ ފައިގެ މައްސަލަ ހުންނަ މީހެއް. މިހާރު ވެސް ތަދުވާތީ ސައިކަލެއް މަތީ ވެސް މިއިނީ. އަނެއްކާ ލޮލުގެ މައްސަލަ ވެސް ހުރޭ. އެކަމަކު މިތަނަށް ނައިސް މި މަސައްކަތްނުކޮށް ވާކަށް ނެތް," ފ. އަތޮޅަށް ނިސްބަތްވާ ޔޫސުފް އާދަމް, 84, ބުންޏެވެ.

"ހުޅުމާލޭގައި މި އުޅެނީ ދަރިފުޅު ކުއްޔަށް ނަގައިގެން އުޅޭ ކޮޓަރިއެއްގައި. އޭނާގެ އަންހެނުން ވެސް ހަމަ އެ ކޮޓަރީގައިި އުޅެނީ. ޖުމްލަ ފަސް މީހުން. ކިހާ ލަދުވެތި ކަމެއް އެއީ."