ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓެއްގެ މަސައްކަތް މާދަމާ ފަށަނީ

ހުޅުމާލޭގައި އިމާރާތްކުރާ 1،700 ހައުސިން ޔުނިޓެއްގެ މަސައްކަތް މާދަމާ ރަސްމީކޮށް ފަށަން ސަރުކާރުން ނިންމައިފި އެވެ.


ހައުސިން މިނިސްޓްރީން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރަތްކުރާ އެ ފްލެޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މާދަމާ ހަވީރު އޮންނާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.

ސޯޝަލް ހައުސިން ޔުނިޓުގެ ގޮތުގައި އިމާރާތްކުރާ މި ފްލެޓުތައް ޚާއްސަ ކުރަނީ މާލޭގެ ރައްޔިތުންނަށެވެ. ޖުމްލަ 3،000 ހައުސިން ޔުނިޓު ހިމެނޭ ފްލެޓުތައް އިމާރާތް ކުރަން ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ފަށަން ވެސްޓް ޕާކް ސަރަހައްދުގައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މަސައްކަތް ކުރާނީ 1،700 ހައުސިން ޔުނިޓާއި 1،300 ހައުސިން ޔުނިޓްގެ މަސައްކަތް ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.

މިއީ އޭގެ ތެރޭގައި ހިމެނޭ އެއް ބައެވެ.

މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން 4،000 ހައުސިން ޔުނިޓު އިމާރާތް ކުރުމަކީ މިދިޔަ ރިިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ވައުދެކެވެ. ނަމަވެސް ރައީސް ވިދާޅުވީ ފަހުން ހެދި ދިރާސާތަކުން، މާލޭގެ ރައްޔިތުންނަށް އެ އަށް ވުރެ އިތުރަށް ބޯހިޔާވެހިކަން ބޭނުންވާކަން ދެނެގަނެވުނު ކަމަށެވެ.

ހުޅުމާލޭގެ އިތުރުން ރަށްރަށުގައި ވެސް ސަރުކާރުން އަންނަނީ ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިހާރު ވެސް 6،860 ހައުސިން ޔުނިޓު އިމާރާތް ކޮށްފައި ވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި އެ ތަންތަން ހެޔޮ އަގުގައި ދޫކުރަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ވިދާޅުވި އެވެ.