ސިޔާސީ ގޮތުން ކާމިޔާބު ހޯދަން ބިރު ފަހަނަ އަޅާ ދާންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަން ވެސް ކުރައްވާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ސިޔާސީ ކޮންމެ މަސައްކަތެއް ކާމިޔާބު ކުރަން ވެސް ނަޒާހަތްތެރިކަމާއި ހިތްވަރު ކޮންމެހެން ބޭނުންވެ އެވެ.

"އަޅަންޖެހޭ ފިޔަވަޅު އަޅަން ބިރުގަނެ، ފަސްޖެހިއްޖެ ނަމަ ދުވަހަކު ވެސް ކާމިޔާބެއް ނުވާނެ،" މި ވަގުތު ރާާއްޖޭން ބޭރުގައި ހުންނެވި މައުމޫން ކުރެއްވި ޓުވީޓުގައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ބޭބެ، މައުމޫނާ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމްގެ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ.

އެކަން އެންމެ ބޮޑަށް ފެނުނީ މި ފަހުން މަޖިލީހުން ފާސްކުރި ބިލުތަކަކާ ގުޅިގެންނެވެ. އެ ގޮތުން، ޓޫރިޒަމް ބޭނުންތަކަށް އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ހުށަހެޅި ބިލާއި ހިޔާޅު ފާޅުކުރުން ހުއްޓުވަން ހުށަހެޅި ބިލާ މައުމޫން ފާޅުގައި ދެކޮޅު ހެއްދެވި އެވެ. އެ މަނިކުފާނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން އެ ބިލުތަކާ ދެކޮޅަށް ވޯޓު ދެއްވުމުން އެ ބޭފުޅުންނާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ޕާޓީން ވަކިކުރަން ވެސް ރައީސް ޔާމީންގެ ފެކްޝަނުން ކޮންޓްރޯލް ކުރާ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަނީ ނިންމާފަ އެވެ.

މި ބައިބައިވުމުގެ ތެރޭން މައުމޫން ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާލެއްވި އެވެ. އަދި ޕާޓީ ހިންގުން ވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަންގަވާފަ އެވެ.

އެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ. ސިވިލް ކޯޓުން ވަނީ ޕީޕީއެމްގެ ކައުންސިލާއި އެ ޕާޓީގެ ގުނަވަންތަކުގެ ބައްދަލުވުންތައް ނުބާއްވަން މައުމޫން އަންގަވާފައިވާ އެންގެވުމަށް އަމަލުކުރުން މަޑުޖައްސާލަން އަމުރުކޮށްފަ އެވެ.