ފައިސާތައް ބޭރަށް ގެންދާ މައްސަލައިގައި ފުލުހުން ޖަވާބެއް ނުދިން

ނުހައްގުން ހޯދާފައިވާ ފައިސާތަކެއް ހިފައިގެން ބަޔަކު ރާއްޖެ އިން ބޭރަށް ފުރަން އުޅޭ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެވެން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


މިދިޔަ ބުދަ ދުވަހު އަލީ ހުސައިން ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން މަގާމާ އެކަށީގެންނުވާ ގޮތުން އާމުދަނީގެ ގޮތުގައި ހޯދާފައިވާ ފައިސާތައް ހިފައިގެން ރާއްޖެ އިން ފުރަން އުޅޭ ކަމަށެވެ. އެއީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކަށްވާތީ ލިބިފައިވާ ހެކިތަކުގެ ތަފްސީލެއް އޭނާ މީޑިއާ އަށް ނުދެއްވަ އެވެ.

އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ "ވަކި އެއްޗެއް ބުނެވެން ނެތް" ކަމަށެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރާކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ނޭނގެ އެވެ.

އެ މައްސަލަ ހުށަހެޅުއްވި އަލީ ހުސައިން ވިދާޅުވީ އޭނާ އަށް ވެސް ފުލުހުން އެއްވެސް އެއްޗެއް މިހާތަނަށް ނާންގާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ޕީޕީއެމްގެ ލީޑާޝިޕަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ. އޭސީސީ އާއި އޮޑިޓް އޮފީހުގެ ރިޕޯޓުތަކަށް ބަލާއިރު ވެސް އެ ފަދަ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތްތައް ކުރި އަށް ދާ އިރު، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެ މައްސަލަ ހުށަހެޅީ ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވަން ކުރާ މަސައްކަތަށް އަމާޒުވެފައިވާ ފޯކަސް އަނބުރާލަން ކަމަށެވެ.