ސިނަމާލެ ބްރިޖުގެ މަސައްކަތަށް ރާއްޖެ އައިސް އުޅޭ ޗައިނާ މީހުން ރާއްޖޭގެ ކަނޑުން މިޔަރު ބާނައި، މިޔަރު އުރަހަ ހިއްކާ ކަމަށް ބެލެވޭ ފޮޓޯތަކެއް އާންމުވުމާއެކު އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ގޮވާލައިފި އެވެ.

މިދިޔަ ބުރާސްފަތިދުވަހު ޓުވިޓާގައި އާއްމުކުރި ފޮޓޯތަކުން ފެންނަނީ، ލޮނުޒިޔާރަތްކޮޅުގައި، ޗައިނާ މީހުން ދިރިއުޅޭ ލޭބާ ކުއާޓަރުގެ ބޭރުގައި މިޔަރެއްގެ ބައިތަކެއް ހިއްކުމަށް އަޅުވާފައިވާ މަންޒަރެވެ.

ފޮޓޯތަައް އާންމުވުމާއެކު ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބެލުމަށް ގިނަ ބަޔަކު ވަނީ ގޮވާލައިފަ އެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އީކޯ ކެއާގެ އެޑްވޮކަސީ ޑިރެކްޓާ މައީދު މުހައްމަދު ޒާހިރު "މިހާރު" އަށް ވިދާޅުވީ މިޔަރު ބޭނުމަކީ ރާއްޖޭގެ ގާނޫނުން މަނާކޮށްފައިވާ ކަމަކަށްވާއިރު ސީރިއަސްކަމާއެކު އެ މައްސަލަ ބެލުން މުހިންމު ކަމަށެވެ.

"ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ވުޒާރާއިން މި މައްސަލަ ބެލުން ވަރަށް މުހިންމު. އަދި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގާނޫނު އަދި ގަވާއިދުން އޮތީ އެ ވުޒާރާއަށް މަގުފަހުކޮށްދީފައި. އެހެންކަމުން އިސްތިސްނާ ކުރުމެއް ނެތި މި މައްސަލަ ބެލުން ވަރަށް މުހިންމު،" އޭނާ ވިދާޅުވި އެވެ.

މިކަން، އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ސަމާލުކަމަށް ގެނެސް މައްސަލަ ބަލަން ގޮވާލާފައިވީ ނަމަވެސް އެ އޮތޯރިޓީން އަދި އެއްޗެއް ނުބުނެ އެވެ.

ރާއްޖޭގެ ފަރުތަކުން މިޔަރު ބޭނުން މަނާކޮށްފައި ވަނީ 2009 ވަނަ އަހަރެވެ. އޭގެ އެއް އަހަރު ފަހުން ރާއްޖޭގެ ކަނޑުތަކާއި ފަރުތައް ހިމެނޭ ގޮތަށް ރާއްޖޭގެ އެއްވެސް ހިސާބަކުން މިޔަރު ބޭނުން ވަނީ މަނާކޮށްފަ އެވެ.

މާލެ އާއި ހުޅުލެ ގުޅުވާލަދިން ބްރިޖުގެ މަސައްކަތުގައި ގާތްގަނޑަކަށް ހާހެއްހާ ބިދޭސީން ހަރަކާތްތެރިވި އެވެ. ބްރިޖު ނިންމައި ބޭނުންކުރަން ފަށާފައިވީ ނަމަވެސް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށް އެބަދެ އެވެ. އޭގެތެރޭގައި، ބްރިޖުގެ މަސައްކަތް ކުރަން ކަނޑުއަޑީގައި ދަގަނޑުން ހެދި ޕްލެޓްފޯމު ނެގުން ހިމެނެ އެވެ.