އާޓިފިޝަލް ބީޗް ތަރައްގީކުރަން އެ ސަރަހައްދު ބަންދުކުރަނީ

އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދު ބަންދުކުރަން ނިންމައި، އެތަނުގައި ހުރި އުޅަނދުތައް ނަގަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.


ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވެހިކަލްތައް ނަގަނީ އެ ސަރަހައްދުގައި މަސައްކަތް ފެށުމަށް ފެންސް ޖަހަން ބޭނުންވާތީ ކަމަށެވެ. އަދި ހުކުރު ދުވަހުގެ ކުރިން ވެހިކަލްތައް ނަގަން ވަނީ އަންގައިފަ އެވެ.

އެ މުއްދަތުގައި އެތަނުން ނުނަގާ އުޅަނދުތައް ފުލުހުން މެދުވެރިކޮށް ނަގާނެ ކަމަށާއި އެކަމުގައި ލިބިދާނެ ގެއްލުމަށް އެ މިނިސްޓްރީން ޒިންމާ ނުނަގާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އާޓިފިޝަލް ބީޗް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ޖުމްލަ 13 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ އެ މަޝްރޫއުގެ ދަށުން، ރަސްފަންނު ތަރައްގީ ކުރި ފެންވަރަށް އާޓިފިޝަލް ބީޗް ވެސް ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއު ނިންމުމަށް ސަރުކާރުން އެމްޓީސީސީއަށް ދީފައިވަނީ ފަސް މަހެވެ.