އާޓިފިޝަލް ބީޗް ޕާކެއްގެ ގޮތުގައި ތަރައްގީކޮށް ރޯދަޔަށް އެތަން ހުޅުވުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު، "މިހާރު" އަށް ވިދާޅުވީ ރޯދަޔަށް މަސައްކަތް ނިންމައިދިނުމަށް ރައީސް އޮފީހުން އެދިފައިވާތީ އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ދުވަހަކު 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.
ރޯދައިގެ ކުރިން އެ ސަރަހައްދުގައި އިތުރު ގަސް އިންދައި އިށީންނާނެ ބެންޗްތައް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އަދި މޫދަށް އެރޭ މީހުންނަށް ހާއްސަ ފާހާނާ ބަރިއެއް ވެސް ހެދުމަށް ވަނީ ނިންމައިފަ އެވެ. މޫދަށް އެ ރޭ ސަރަހައްދު އިތުރަށް ފުންކުރުމަށާއި ލައިފް ގާޑުން ތިބޭނެ ޕޯސްޓްތަކެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.
"އެންމެ ފުރިހަމައަށް ނުވި ނަމަވެސް ރޯދަޔަށް އެ ސަރަހައްދު ޕާކަކަށް ހަދައި ހުޅުވޭ ވަރު ކުރެވޭނެ،" ޝާހް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާޓިފިޝަލް ބީޗްގެ ސްޓޭޖް ތަޅާލައި އެސަރަހައްދުގެ ގަސްތައް ކެނޑީ އެ ސަރަހައްދު ތަރައްގީ ކުރުމަށް ކަމަށް ބުނެ އެވެ. ނަމަވެސް ވެރިކަން ބަދަލުވިއިރު ވެސް އެކަން އޮތީ ނުވެ އެވެ.
ބްރިޖު ހުޅުވުމާއެކު އެ ސަރަހައްދުގެ މަގުތަކުގައި ޕާކް ނުކުރެވޭތީ ފަހުން ގިނަ ބަޔަކު އާޓިފިޝަލް ބީޗް ބޭނުންކުރީ ޕާކިން ޒޯނެއްގެ ގޮތުގަ އެވެ. ނަމަވެސް އެ ސަރަހައްދު ތަރައްގީކުރުމަށް މިހާރު ވަނީ އެ ތަން ހުސްކޮށްފަ އެވެ.