އަފްރާޝީމްގެ މަރުގެ މައުލޫމާތު ހާމަކުރޭ: އާއިލާ

މީގެ ހަ އަހަރު ކުރިން، އަނިޔާވެރި ގޮތަކަށް ގަތުލު ކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅުން ހުރި މައުލޫމާތު ހާމަކުރަން ވަކި ތަނެއް ނޯންނާނެ ކަމަށް ބުނެ އަފްރާޝީމްގެ އާއިލާ އިން އޭރުގެ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ރިޔާޒަށް މިއަދު ރައްދު ދީފި އެވެ.


ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ވަނީ އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތުތަކެއް އެނގޭ ކަމަށާއި، އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން އެ މައުލޫމާތުތައް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އޭނާ ވިދާޅުވީ މަގާމެއްގައި ހުއްޓައި އެ މީހަކަށް ލިބޭ މައުލޫމާތާއި ވާހަކަތަކަކީ ބޭނުން ކޮންމެ ގޮތަކަށް ހިއްސާ ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އެ ކަމަށް ރައްދު ދެއްވައި އަފްރާޝީމްގެ އެއްބަނޑު އެއްބަފާ ބޭބެ، އަބްދުއްނާސިރު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ އިންސާނެއްގެ މަރާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތު ދިނުމަށް ވަކި ތަނެއް ނޯންނާނެ ކަމަށެވެ. އަމިއްލަ އަށް އިސްވެ އެ މައުލޫމާތު ދޭން ޖެހޭ ކަމަށާއި އެގޮތުން މީޑިޔާ އާއި އާއްމު ތަންތަނުގައި ވެސް އެކަން ހާމަކުރަން އާއިލާ އިން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އޭނާ އެ މަރާ ބެހޭ މައުލޫމާތު، މަޖިލީހުގެ ކޮމެޓީއެއްގައި، ޝަރުއީ ކޯޓެއްގައި ނުވަތަ ރިޔާސީ ކޮމިޝަނެއްގައި ވެސް ދެއްވަން ހުންނެވީ ތައްޔާރަށެވެ. އަދި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިން އެ ބެލި ކަމުގައި ވިޔަސް، އެ ކަންކަމުގައި ލިބިފައި ހުރި މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށެވެ.

އެ މައުލޫމާތު ހާމަނުކުރައްވާ ރިޔާޒު ދައްކަވާ ވާހަކަތަކަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫން ކަމަށްވެސް އަފްރާޝީމްގެ ބޭބެ ވިދާޅުވި އެވެ.

"ވަކިތާކަށް ހާޒިރުކުރަން ދެން ހުންނާކަށް ނުޖެހޭ. މަގުމަތީގައިވެސް މީޑިޔާތަކުގައިވެސް އެ މައުލޫމާތު ދޭންވީ. އަމިއްލައަށް އިސް ނަގައިގެންވެސް އެ މައުލޫމާތު ދޭންވީ،" އުނގޫފާރު ކައުންސިލް މެމްބަރުކަން ވެސް ކުރައްވާ އަބްދުއްނާސިރު ވިދާޅުވި އެވެ.

އަފްރާޝީމް މަރާލި ކަމަށް ސާބިތުވެ ހ. ލޮބީ ހުސެއިން ހުމާމް މަރަން ހުކުމްކޮށްފައިވާއިރު އެ ހިސާބުން އެ މައްސަލަ ނުނިމޭ ކަމަށް އާއިލާއިން ބުނެ އެވެ. އެ ކަން ކުރީ ކޮން ބައެއްގެ އެންގުމަށް އަދި ކޮން މަގުސަދެއްގައިކަން ފުލުހުންނަށް ހޯދިފައިނުވާތީ އާއިލާއިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެ އެވެ.

އަބްދުއްނާސިރު ވިދާޅުވީ އޭނާގެ ކޮއްކޮގެ މަރުގެ ހަގީގަތް ހޯދައިދެއްވާނެ ކަމަށް 2013 ގައި ރައީސް އަބްދުﷲ ޔާމީން ވެސް ވައުދުވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެކަން ވީ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެ މަރަށް އިންސާފު ހޯދައިދެއްވާނެ ކަމުގެ ވައުދު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ވަނީ ވެވަޑައިގެންފަ އެވެ. އެހެންކަމުން އާއިލާ އިން މިހާރު އިންތިޒާރުކުރަނީ އެކަން ވާނެ ދުވަހަކަށް ކަމަށް ނާސިރު ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަ ކޮށްލިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހުމާމް: އާއިލާއިން ބުނަނީ ހުމާމާ ހަމައިން އެ މައްސަލަ ނުނިމޭ ކަމަށް، ފޮޓޯ: ފުލުހުން

އޭނާ ވިދާޅުވި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލުމަކީ ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާފައިވާ އަމަލެކެވެ. އެކަމުގެ އަޑީގައި ތިބި މީހުން ހާމަކުރަން ޖެހޭ ކަމަށް އަބްދުއްނާސިރު ވިދާޅުވި އެވެ.

"އެކަން ހޯދަން ބޭނުންވެއްޖެއްޔާ ވަރަށް ފަސޭހަވާނެ. ވަރަށް ގިނަ ބަޔަކަށް އެނގޭ ބޮޑު ސިއްރެއް އެއީ. އަޅުގަނޑުމެން 2018 އާ ހަމައަށް ވެސް މިތިބީ އެކަން ވޭތޯ. އަދިވެސް މިތިބީ އެގޮތަށް،"

އަފްރާޝީމް އަވަހާރަކޮށްލި ބަޔަކު ހޯދުމުގައި އެހީތެރިވެދޭން ތައްޔާރަށް ހުންނެވި ކަމަށް ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހިލޭ ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު އޭނާ ދިރިއުޅުއްވި ގޭ، ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. ތޫނު އެއްޗަކުން ހަށިކޮޅަށް ހަމަލާދީ ވަރަށް ބޮޑަށް އޮތީ ޒަހަމްކޮށްލާފަ އެވެ.