ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގައި އެ މީހަކު ހުރި ތަނެއްގައި ހުރެގެން، މުޒާހަރާއެއް ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ނިންމައިފި އެވެ.
ބޭރުގެ ފަރާތްތަކާއި ނޫސްވެރިންނާއި އެކި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅު ކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނަގާލާ ބިލް ފާސްކޮށްފަ އެވެ. އަދި މިިދިޔަ ބުރާސްފަތި ދުވަހު ރައީސް އަބްދުﷲ ޔާމީން ވަނީ އެ ބިލް ތަސްދީގު ކުރައްވައިފަ އެވެ.
އެ ޖަމިއްޔާގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވީ މިއަދު ހަވީރު 4:00-5:00 އާ ދެމެދު އަނގަމަތީގައި ޓޭޕު އަޅައިގެން އެ މީހަކު ހުރި ތަނެއްގައި ހުރެ، މުޒާހަރާގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އެ ފޮޓޯ Silenced #Angabandhu# ޖެހުމަށް ފަހު ސޯޝަލް މީޑިއާގައި ބޭނުންކުރަން ވެސް ޓީއެމް އިން އެދެ އެވެ.
"އެ ބިލުގެ ސަބަބުން ރައްޔިތުންގެ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ބަންދުވެގެން ދާކަން މަޖިލީހަށާއި ސަރުކާރަށް އަންގައިދިނުން މި ހަރަކާތުގެ ބޭނުމަކީ،" ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެމްބަރު ތޮލާލް ވިދާޅުވި އެވެ. "ވަކި ތަނަކަށް އެއްވަނީކީއެއް ނޫން. އެ ވަގުތު ގޭގައި އިނިއްޔާ އަނގަމަތީގައި ޓޭޕެއް އަޅައިގެން ވެސް މި މުޒާހަރާގައި ބައިވެރިވެވޭނެ،"
އޭނާ ވިދާޅުވީ އެ ގާނޫނަކީ ރާއްޖެ ބައިވެރިވެފައިވާ އެކި މުއާހަދާތަކާ ވެސް ހިލާފު ގާނޫނެއް ކަމަށާއި އޭގެ ސަބަބުން ހައްގުތައް ނިގުޅައިގަނެގެން ދާނެ ކަމަށެވެ. އަދި މިހާރު ކުރި އަށް ގެންދާ ތަފާތު އެކި ހަރަކާތްތަކުގެ ސަބަބުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނަށް ހެޔޮ ބަދަލުތަކެއް އައުމަކީ ވެސް މިއަދުގެ ހަރަކާތުގެ ބޭނުމެއް ކަން ތޮލާލް ފާހަގަ ކުރެއްވި އެވެ.
އެ ގާނޫނާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބާއްވާ ޕެނަލް ޑިސްކަޝަންނެއް ވެސް މިރޭ 9 ޖަހާއިރު މޫކައި ހޮޓަލުގައި ޓީއެމް އިން ބާއްވަން ވަނީ ނިންމައިފަ އެވެ.