ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހް މުހައްމަދު ދެންމެ އިސްތިއުފާ ދެއްވައިފި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން "މިހާރު" އަށް ވިދާޅުވީ، މަސީހްގެ އިސްތިއުފާގެ ސިޓީ މަޖިލީހުގެ އިދާރާ އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މަސީހް އިސްތިއުފާ ދެއްވިކަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕަށް ވެސް އަންގަވާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން މަސީހް މި އިސްތިއުފާ ދެއްވީ، އެމަނިކުފާނު މަގާމުން ވަކިކުރުމުގެ މައްސަލަ މިރޭ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ.
އިދިކޮޅު ކޯލިޝަނާއި މަސީހް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ފިއްތުންތަކާ ހެދި، އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވިއިރު، މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ފަހަރެއްގެ މަތިން މަޖިލީހަށް ފޮނުވި އެވެ. އެކަމަކު، ކޮންމެ ވެސް ސަބަބެއް މެދުވެރިކޮށް، އެ މައްސަލަ މަޖިލީހަށް ތާވަލް ނުކޮށް ބޭއްވީ އެވެ.
މަސީހްގެ އިސްތިއުފާއާ ގުޅިގެން، ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަގާމުގައި ހުންނަވައިގެން މަސީހް ވަނީ އަގު ނުކުރެވޭ ފަދަ ބޮޑު ޚިދުމަތެއް ގައުމަށް ކޮށްދެއްވާފައި ކަމަށެވެ.
"ޓީމް ޕްލޭޔަރެއްގެ ގޮތުގައި ކެތްތެރިކަމާ އެކު ކުރެއްވި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދަންނަވަން،" ނިހާން ވިދާޅުވި އެވެ.