ގައުމީ އެއާލައިން މޯލްޑިވިއަނުން އައްޑޫ ގަމުން އިންޑިއާގެ ޓްރިވެންޑްރަމަށް އަންނަ މަހުގެ އެއްވަނަ ދުވަހު ދަތުރެއް ބާއްވަން ނިންމައިފި އެވެ.
މޯލްޑިވިން އެއާލައިން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން މިއަދު ބުނީ ދިވެހިން އެންމެ އާންމުކޮށް ގޮސްއުޅޭ އިންޑިއާގެ ޓްރިވެންޑްރަމަށް ގަމުން ބާއްވާ ދަތުރު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެކަނި ކަމަށެވެ.
އެ ދަތުރުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 99 ޑޮލަރު (1،520.67ރ.) އެވެ.
މީގެ އިތުރުން، ގަމުން ޓްރިވެންޑްރަމަށް އަދި މާލެ އަށް ދަތުރު ކުރެވޭ ފެއާއެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ އަގަކީ ކޮޅަކަށް 250 ޑޮލަރު (3،840ރ.) އެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ، ގަމުން ޓްރިވެންޑްރަމަށް ދަތުރެއް ބާއްވަން ނިންމީ އެއީ ސްކޫލްތަކުގެ އަހަރީ ޗުއްޓީ ދުވަސްވަރު ކަމަށް ވާތީ ކަސްޓަމަރުންނަށް ހުޅުވައިލާ ފުރުސަތެއްގެ ގޮތުގައި ކަމަށެވެ.
"މީގެ ކުރިން ވެސް އަޅުގަނޑުމެން ހުންނާނެ މި ގޮތަށް ދަތުރުތައް ބާއްވާފައި. ހަމަ އެގޮތަށް ބަންދުތެރޭގައި މި ދަތުރު ވެސް އަޅާ ގޮތަށް ނިންމީ،" އޭނާ ވިދާޅުވި އެވެ.
ގަމަށް މި ވަގުތު އޮޕަރޭޓް ކުރާ ހަމައެކަނި ޑޮމެސްޓިކް އެއާލައިނަކީ މޯލްޑިވިއަން ކަމަށް ވިޔަސް އަންނަ ބުރާސްފަތި ދުވަހު ވިލާ އެއާގެ ފްލައިމީގެ ދަތުރުތައް ގަމާއި ފުވައްމުލަކަށް ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އަދި ސްރީ ލަންކަން އެއާލައިންސް އިން އަންނަނީ ގަމާއި ކޮލޮމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.