އައިޖީއެމްއެޗްގެ ދެކުނުން އޮތް ބިމުގައި ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ، ރައީސް ޔާމީންގެ ސަރުކާރުން ހިންގާ "ބޮޑު ޖަރީމާއެއްގެ" ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު މިއަދު ސިފަ ކުރައްވައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އަގު ބޮޑު އިމާރާތެވެ. އެ ތަނަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަ ކުރާ އިރު، އެއީ އެފަދަ އިމާރާތަކާ އަޅައިބަލާއިރު ދެ ގުނަ ބޮޑު އަގެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑު ކިޔަ އެވެ.
"މިއީ އަދި އަޅުގަނޑު ނުބުނާ އެއްޗެއް. އަޅުގަނޑުމެން ފަހުރުވެރިވާން ޖެހޭ ވާހަކައެއް ކަމަށް އެބަ ވިދާޅުވޭ، 140 މިލިއަނަށް ހޮސްޕިޓަލެއް އަޅާފައި. އޭގެ ފުޓްޕްރިންޓާއި އެނަލިސިސް ހަދަން ޖެހޭ. ވަރަށް ކެރި ހުރެގެން ދަންނަވަން ކެރިދާނެ އެއީ ކްރައިމެއް،" ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހާޒިރުކޮށްގެން ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރު ނާޝިދު ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް ސަރުކާރުން ހަވާލު ކުރީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ އެވެ. އެކަމަކު، ބިޑަކާ ނުލައި އެ ހޮސްޕިޓަލް އެޅުމަށް އެ ކުންފުންޏަށް ދިނުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ ވިދާޅުވެފަ އެވެ.
އޭޑީކޭ ކޮމްޕެނީގެ ޗެއާމަން އަދި ސީއީއޯކަން ކުރައްވާ ނާޝިދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލާ ޖެހިގެން އޮންނަ ބިމުގައި 240 މިލިއަން ޑޮލަރަށް ފަސް އިމާރާތް އެޅުމަށް އެ ކުންފުނިން ބުނި ކަމަށެވެ.
ނާޝިދު ވިދާޅުވި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ތުރުކީގެ ކުންފުންޏަކަށް 56 މިލިއަން ޑޮލަރު ދީފައި އޮތީ ވެސް ބިޑަކަށް ނުލަ އެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރަން 25 މިލިއަން ޑޮލަރު ވެސް ނާރާނެ ކަމަށެވެ.
ނާޝިދުގެ ވާހަކަތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު ވިދާޅުވީ އަގުތައް ހަދާފައިވަނީ އެކަމުގެ ޓެކްނިކަލް ބޭފުޅުން ކަމަށާއި އޭގައި މައްސަލަތަކެއް އުޅޭ ކަމަށްވާ ނަމަ އެކަމެއް ބަލަން ޖެހޭ ކަމަށެވެ.
ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެ މަޝްރޫއުގައި މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، މަޝްރޫއުތަކަށް ބިޑް ކުރުމުގެ މަރުހަލާ ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ދާންޖެހޭ ކަން މުނައްވަރު ފާހަގަ ކުރެއްވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން، ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ފަރުވާ ދޭ ނިޒާމު، ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރާއްޖޭން ބޭރަށް ސިއްހީ ފަރުވާ ހޯދަން ދާ ދިވެހިން މަދުކޮށް، މެޑިކަލް ޓޫރިޒަމް ތައާރަފް ކުރުމަށްޓަކައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި އިންވެސްޓްމަންޓެކެވެ.
ދެ އަހަރުގެ ތެރޭގައި 25 ބުރީގެ އިމާރާތް އަޅައި ނިމިފައިވާ އިރު، މިހާރު ކުރަމުން އަންނަނީ މެޝިނަރީ އާއި ވަސީލަތްތައް ހޯދައި ގާއިމް ކުރުމުގެ މަސައްކަތެވެ. އަދި އިމާރާތް ނިމުމާއެކު، އައިޖީއެމްއެޗުން ދޭ ބައެއް ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރެވިގެންދާނެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ގާއިމު ކުރާ ހިދުމަތްތަކުގެ ތެރޭގައި ރެސްޕިރޭޓަރީ، އަދި ޕަލްމޮނޮލޮޖީ ޑިޕާޓްމަންޓް، އޯތޯ ޑައިގްނޯސްޓިކް ސެންޓަރު، ނެޝަނަލް ޔޫރޯ ރެނެލް ސެންޓަރު، ޕީޑިއެޓްރިކް އައިސީޔޫގެ އިތުރުން މުޅިން އާ ގޮތަކަށް ޕްރައިވެޓް ކޮޓަރިތަކެއް ވެސް ހުންނާނެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅެވެ.