ރައީސް ޔާމީންގެ ރަސްމީ ގެކޮޅަށް 37 މިލިއަން ރުފިޔާ

ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ ގެކޮޅުގެ ޚަރަދަށް މި އަހަރު 37 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބުނެފި އެވެ.


ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވަނީ ހިލާލީގޭގަ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދުވަސްތަކެއް ވަންދެން އަމިއްލަ ގެކޮޅު ދޫވެހީގައި ރައީސް އުޅުއްވި އެވެ. އަދި ރައީސަކު ދިރިއުޅުއްވަން އެކަށީގެންވާ ގޮތަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ދޫވެއްސަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ވެސް ކުރި އެވެ.

އޭގަ ފަހުން، ހިލާލީގެއަށް ބަދަލުވެވަޑައިގަތީ، ބޮޑުތަކުރުފާނުމަގުގައި ހުންނަ ހ.ނޫފަރުގެ އާއި ދޫވެހި ބަދަލުކުރުމުގެ ދުވަސްކޮޅެއް ކުރިންނެވެ. ހިލާލީގެއަށް ބަދަލުވެވަޑައިގަތަސް، މުލިއާގެ އާއި އާރަށަކީ އެމަނިކުފާނުގެ ވެރިކަމުގައި ބޭނުން ކުރެއްވި ތަންތަނެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން ރައީސް ޔާމީންގެ ރަސްމީ ގެކޮޅަށް މިއަހަރު 37.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވެ އެވެ. އެއީ މަހެއްގެ މައްޗަށް ބަލާނަމަ، 3.1 މިލިއަން ރުފިޔާ އެވެ. އެއީ ދުވާލަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ރައީސްގެ ގެކޮޅަށް ޚަރަދު ކުރުމަށް އޮތީ 25 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ރައީސްގެ ރަސްމީ ގެކޮޅުގެ ޚަރަދުގެ ގޮތުގައި 35.1 މިލިއަން ރުފިޔާ ޚަރަދުވެފައިވެ އެވެ. އެހެންކަމުން، މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރު ދެ މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެ ކަމަށް ބެލެވެ އެވެ.

ރައީސް ޔާމީންގެ ދައުރު ހަމަވުމަށް ފަހު، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ މާލީ އިނާޔަތްތައް ވެސް ލިބިވަޑައިގަންނަވާނެ އެވެ. އެގޮތުން، އޮފީސް ހިންގުމުގެ ޚަރަދަށް މަހަކު 87،000ރ. އާއި ދިރިއުޅުއްވާ ތަނުގެ ޚަރަދު ހަމަޖެއްސުމަށް މަހަކު 10،000ރ. އަދި މާލީ އިނާޔަތުގެ ގޮތުގައި މަހަކު 75،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އެގޮތުން މަހެއްގެ މައްޗަށް 172،000ރ. ލިބިވަޑައިގަންނަވާނެ އެވެ. މި ފައިސާ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

ރައީސް ޔާމީންގެ އަމިއްލަ ގެކޮޅު ނިންމުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާއިރު، އަޑު ފެތުރިފައިވާ ގޮތުގައި އެތަން ހަދަނީ 25 ބުރިއަށެވެ. އެ އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާ ގާތްގަނޑަކަށް މިހާރު ވަނީ ނިމިފަ އެވެ. އަންނަ ހޮނިހިރުދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރައްވާއިރު، ރައީސް ޔާމީން ހިލާލީގެއިން ބަދަލުވެ ވަޑައިގަންނަވާނީ ނޫފަރުގެއަށް ކަމަށް ބެލެވެ އެވެ.