މަޖިލީހަށް ވަތް މައްސަލާގައި އަމީތު ބަންދުކުރަން އަމުރުކުރީ ގާނޫނާ ޚިލާފަށް: ހައި ކޯޓް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްްމަދު އަމީތުގެ މިދިޔަ އަހަރު ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވުމުން ކަމަށް ބުނެ އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ކަނޑައަޅާފައި ވަނިކޮށް އިދިކޮޅު މެމްބަރުންތަކާ އެކު ގަދަކަމުން މިދިޔަ އަހަރުގެ ޖުލައި މަހު މަޖިލީހަށް ވަތް މައްސަލާގައި އަމީތު 15 ދުވަހަށް ބަންދުގައި ބަހައްޓަން އޭރު ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ.

ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން، ދަށު ކޯޓުގެ އަމުރު ބާތިލްކުރީ އެ މައްސަލަ އަމީތުގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އަމީތު އޭރު ހައްޔަރުކޮށްފައި ވަނީ މެމްބަރުންގެ އިމްތިޔާޒްތަކާ ބެހޭ ގާނޫނުގައިވާ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށެވެ. ކުށުގެ ވެށިން ނޫން ގޮތަކަށް މެމްބަރަކު ހައްޔަރު ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުން ކަމަށް އެ ގާނޫނުގައި ބުނާއިރު، އަމީތުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރީ އެ އުސޫލާ ޚިލާފަށް އަމީތު ހައްޔަރު ކޮށްފައި ވަނިކޮށް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އިމްތިޔާޒްގެ ގާނޫނުގައި ބުނާ އިޖްރާއާތުތައް އަމީތު ހައްޔަރު ކުރުމުގައި އޭރު ފުރިހަމަ ނުކުރީ އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމާފައިވާތީ ދައުލަތުން ބުނެފައި ވިޔަސް، އަމީތު ހައްޔަރު ކުރީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދޭން އެދި އަމީތުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް ކަމަށް އެ ހުކުމުގައިވެ އެވެ.

މެމްބަރު ކަމުގެ ގޮނޑިއާ މެދު ޚިލާފެއް އުފެދިއްޖެ ނަމަ، އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، އަމީތަކީ މެމްބަރެއް ނޫން ކަމަށް އޭރު އެ ކޯޓުން ކަނޑައަޅާފައި ނެތް ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ދީފައިވާ އެ ބާރަކީ އެހެން ފަރާތަކަށް ބޭނުން ކުރެވޭނެ ބާރެއް ނޫން ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އަމީތުގެ މެމްބަރު ކަން ނުގެއްލޭ ކަމަށް މިދިޔަ މަހު ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ކަން ވެސް ހައި ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.

މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަތް މައްސަލާގައި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއެއް އަމީތުގެ މައްޗަށް ދައުލަތުން ކުރި އެވެ. އެކަމަކު އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.