މާލިއްޔަތު ކޮމިޓީ އަށް އޮޑިޓަ ޖެނެރަލް މާދަމާ ހާޒިރު ކުރަނީ

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މާލިއްޔަތު ކޮމިޓީ އަށް މާދަމާ ހާޒިރު ކުރުމަށް އެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.


މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މި ގޮތަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އޮޑިޓަ ޖެނެރަލް، ކޮމިޓީ އަށް ހާޒިރު ކުރަން ފާސްކުރީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އޮޑިޓަ ޖެނެރަލްގެ ހިޔާލު ހޯއްދެވުމަށެވެ.

އޮޑިޓަ ޖެނެރަލް ކޮމިޓީ އަށް ހާޒިރު ކުރަން ހުށަހެޅުއްވި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވިދާޅުވީ، ބަޖެޓް ކޮމިޓީގައި މަސައްކަތް ކުރި އިރު މާލިއްޔަތު ކޮމިޓީއާ އެކު އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވޭކަން އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ކަމަށެވެ.

"ކޮމިޓީގެ ކަންކަން މިހާރަށްވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރުމަށްޓަކައި އޮޑިޓަ ޖެނެރަލްއާ މަޝްވަރާ ކުރުން މުހިއްމު،" ޝާހު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ މާދަމާގެ ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 10:00 ގަ އެވެ.