އަސްކޮއި ހައްޖު، އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާ އަށް ދާން ފައިސާ ދެއްކި ގިނަ ބައެއްގެ ނަމުގައި ވަގު ޓިކެޓްތަކެއް ވިއްކާފައި ވިޔަސް އެ އެންމެންނަށް ވެސް ފުރޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އެ ޖަމާއަތުން މިއަދު ބުނެފި އެވެ.
އަސްކޮއި ގްރޫޕުން އުމުރާއަށް ދާ 216 މީހުންގެ ތެރެއިން 168 މީހަކަށް ލިބިފައި ވަނީ ވަގު ޓިކެޓްތަކެކެވެ. އެ ޓިކެޓްތަކުގެ އަގު 1.6 މިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން މިދިއަ ހޯމަދުވަހު ފުރަން އޮތް 50 މީހަކު އެއާޕޯޓަށް ދިޔަ ތަނުން ޓިކެޓްތަކުގެ މައްސަލަ ޖެހި ފުރޭ ގޮތެއް ނުވި އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި އަސްކޮއި ގްރޫޕުގެ އިސް އޮފިޝަލް ފާތިމަތު ފަޒީލާ ވިދާޅުވީ ހޯމަ ދުވަހު ނުފުރުނު 50 މީހުންނަށް މިހާރު ޓިކެޓް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބާކީ ތިބި 118 މީހުންނަށް ފުރޭނެ މަގު ތަނަވަސް ކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ބާކީ ތިބި އެންމެނަށް ވެސް ފުރޭނެ ކަމުގެ. ވަރަށް މަސައްކަތް ކުރަމުން މި ދަނީ އެންމެންގެ ޓިކެޓު ވެސް ހަމަޖެއްސުމަށް،" ފަޒީލާ ވިދާޅުވި އެވެ.
އެ ގްރޫޕުން އުމުރާއަށް ދާ އެންމެންނަށް ޓިކެޓް ގަންނަން ހަވާލުކުރީ ސަމްހާ ގްރޫޕް އިންޓަނޭޝަނަލްއާ އެވެ. މިއީ އަސްކޮއި ގްރޫޕުން ޓިކެޓު ގަންނަން އެ ކުންފުންޏާ ހަވާލުކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
އެކަމަކު ސަމްހާ ގްރޫޕުން އެ ޓިކެޓްތައް ގަނެފައި ވަނީ ޑީބީ ޓްރެވަލްސް ނަމަކަށް ކިޔާ ބައެއްގެ އަތުންނެވެ. އުމުރާއަށް ދާ 216 މީހުންގެ ޓިކެޓަށް 2.1 މިލިއަން ރުފިޔާ ސަމްހާ ގްރޫޕުން ވަނީ ޑީބީ ޓްރެވަލްސްގެ އެކައުންޓަށް ޖަމާކޮށްފައި ކަމަށް އެނގިފައިވެ އެވެ.
މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި ވަގު ޓިކެޓު ހަދާފައި ވަނީ ޑީބީ ޓްރެވަލްސްގެ މުވައްޒަފެކެވެ. އޭނާ އައްޑޫ މަގުން ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް އިއްޔެ ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.
ޑީބީ ޓްރެވަލްސް އަކީ ވައިގެ ދަތުރުފަތުރުގެ ޓިކެޓް ވިއްކުމުގެ ހުއްދަ ސިވިލް އޭވިއޭޝަނުން ދީފައިވާ ބައެއް ނޫނެވެ. އެކަމަކު އެ ހުއްދަ ނެތަސް، ހުއްދަ އޮތް ކުންފުނިތަކުން ޓިކެޓް ގަނެގެން ވިއްކުން ރާއްޖޭގައި މަނައެއް ނޫނެވެ.
އެކަމަކު މައްސަލައަކަށް ވަނީ އެހާ ގިނަ އަދަދެއްގެ ޓިކެޓް، އެކަހަލަ ކުޑަކުޑަ އެޖެންޓެއްގެ އަތުން ގަންނަން ސަމްހާ ގްރޫޕުން ހަވާލުކުރުމާއި ޓިކެޓް ގަންނަނީ ކޮން ފެންވަރެއްގެ ބައެއްގެ އަތުންކަން އަސްކޮއި ގްރޫޕުން ބަލާފައި ނުވުމެވެ.