ވަގު ޓިކެޓު ލިބުނު އެންމެންނަށް ފުރޭ ގޮތް ހަމަޖައްސައިފި

އަސްކޮއި ހައްޖު، އުމްރާ ގްރޫޕުގެ ފަރާތުން އުމްރާ އަށް ފުރަން އުޅުނު މީހުންގެ ތެރެއިން ވަގު ޓިކެޓު ލިބުނު އެންމެންނަށް ފުރޭނެ އިންތިޒާމް ހަމަޖައްސައިދީފި އެވެ.


އަސްކޮއި ގްރޫޕުގެ ފަރާތުން އުމްރާ އަށް ފުރަން އޮތް 168 މީހަކަށް ލިބިފައި ވަނީ ވަގު ޓިކެޓެވެ. ވަގު ޓިކެޓު ލިބުނު މީހުންގެ ތެރެއިން 50 މީހުން އެންމެ ފުރަތަމަ ފުރަން ހަމަޖެހިފައި އޮތީ މިދިޔަ އާދިއްތަ ދުވަހެވެ. އެ މީހުން ވަނީ އިއްޔެ ފުރައިފަ އެވެ.

އަސްކޮއި ގްރޫޕުގެ ފަރާތުން ޑިސެމްބަރު، 4، ގައި ފުރަން އޮތް 118 މީހުންނަށް ވެސް ލިބިފައި ވަނީ ވަގު ޓިކެޓެވެ. އަސްކޮއި ގްރޫޕުގެ އިސް އޮފިޝަލެއް ކަމަށް ފާތުމަތު ފަޒީލާ ވިދާޅުވީ އެ އެންމެނަށް ވެސް މިހާރު ފުރޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

"އެބޭފުޅުންގެ ފުރުން ހަމަޖެހިފައި އޮތީ ޑިސެމްބަރު ހައެއްގައި މިހާރު. އެ ހުރިހާ އިންތިޒާމެއް ވެސް މިހާރު ވަނީ ހަމަޖެހިފައި. އެންމެންނަށް ވެސް ފުރޭނެ،" ފަޒީލާ ވިދާޅުވި އެވެ.

އަސްކޮއި ގްރޫޕަށް ގިނަ އަދަދެއްގެ ވަގު ޓިކެޓު ވިއްކާފައިވާކަން ފަޅާ އަރާފައި ވަނީ އާދިއްތަ ދުވަހު ފުރަން ހަމަޖެހިފައި އޮތް 50 މީހުންގެ ގްރޫޕު އެއާޕޯޓަށް ގޮސް ފުރޭ ގޮތް ނުވުމުންނެވެ.

ވަގު ޓިކެޓުތަކުގައި ފުރާ މީހުންގެ ނަމާއި ގަޑި އަދި މަންޒިލް ރަނގަޅު ނަމަވެސް ބޯޓު ނަންބަރު އޮތީ ނުބައިކޮށެވެ. އަދި ޓިކެޓު ނަންބަރުތަކަށް ޖަހާފައި އޮތީ ނުބައި ނަންބަރުތަކެކެވެ.

އަސްކޮއި ގްރޫޕުން ޓިކެޓު ގަތުމަށް ހަވާލުކޮށްފައި ވަނީ ސަމްހާ ގްރޫޕް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުނިން ޓިކެޓު ގަނެފައި ވަނީ ޑީބީ ޓްރެވަލްސް ކިޔާ ބައެއްގެ އަތުންނެވެ. ވަގު ޓިކެޓު ވިއްކާފައި ވަނީ ޑީބީ ޓްރެވަލްސްގެ ފަރާތުންނެވެ.

ޑީބީ ޓްރެވަލްސް އިން ވިއްކި ޖުމްލަ 216 ޓިކެޓުގެ ތެރެއިން 168 ޓިކެޓަކީ ވަގު ޓިކެޓެވެ. އެއީ ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާގެ ވަގު ޓިކެޓެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ ވަގު ޓިކެޓު ހެދި ކަމަށް ތުހުމަތު ކުރެވޭ ޑީބީ ޓްރެވަލްސްގެ މުވައްޒަފަކު އައްޑޫ މަގުން ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް ހައްޔަރުކޮށްފަ އެވެ. އަދި އެ ކުންފުނީގެ އިސް ވެރިއަކު ވެސް ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ.

އަސްކޮއި ގްރޫޕުން އުމްރާ ފުރަން ހަމަޖެހިފައި އޮތް މީހުންގެ ޓިކެޓު ގަތުމުގެ މެދުވެރިއަކަށްވި ސަމްހާ ގްރޫޕުން ކުރިން ބުނެފައި ވަނީ ޓިކެޓު ގަތުމަށްޓަކައި ހަތަރު މަސް ކުރިން ޑީބީީ ޓްރެވަލްސް އަށް ފައިސާ ފޮނުވާފައިވާ ކަމަށެވެ.