އިންސާފަށް ވާސިލްނުވެވި ހުރި މައްސަލަތައް ހުށަހަޅަން ހުޅުވާލައިފި

ނިމިގެން ދިޔަ ސަރުކާރުތަކުގައި އިންސާފާ ހަމަ އަށް ވާސިލްނުވެވި ހުރި ކަމަށް އާއްމުންނަށް ގަބޫލުކުރެވޭ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ރިޔާސީ ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.


އެ ކޮމިޝަން އުފެއްދީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމަށެވެ.

ކޮމިޝަނުން ނެރުނު އިއުލާނެއްގައި އެދުނީ އެ މުއްދަތުގައި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރާ ކަމަށް ގަބޫލުކުރެވޭ މައްސަލަތައް ލިއުމުން ހުށަހެޅުމަށެވެ. ޣާޒީ ބިލްޑިންގުގެ ތިރީގައި ހުންނަ އެ ކޮމިޝަންގެ އޮފީހަށް، މައްސަލަ ހުށަހަޅަން ދީފައި ވަނީ އިއްޔެ އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެވެ.

ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަލީ އަވަހާރާކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވައިލުމުގެ އިތުރުން، ލިޔުންތެރިޔާ ޔާމީން ރަޝީދު މަރައިލި މައްސަލަ ހިމެނެ އެވެ.

ކޮމިޝަންގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އެ ކޮމިޝަނުން ބަލަން ނިންމި މައްސަލަތަކުގެ އަދަދު މިހާރު އުޅެނީ 29 ގަ އެވެ. އެއީ، ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބުު ހުސްނުއްސުއޫދު ވިދާޅުވެފައިވާ ގޮތުގައި އެމްވީމާޑާސްޑޮޓްކޮމުން ބަލަހައްޓާ ހިސާބުތަކަށް ބަލައި ހޯދި އަދަދެކެވެ. އެކަމަކު މިހާރު ލިބޭ މައުލޫމާތުތަކާއި އާއްމުން ހުށަހަޅާ މައްސަލަތަކަށް ބަލާއިރު ބަލަން ޖެހޭ މައްސަލަތަކުގެ އަދަދު މިހާރަށް ވުރެން އިތުރުވެދާނެ ކަމަށް ކޮމިޝަނުން ލަފާ ކުރެ އެވެ.

ރިޔާސީ ކޮމިޝަނުން ތަހުގީގުތައް ހިންގައި ރިޕޯޓް އެކުލަވާލުމުގައި ބޭރުގެ ޖަމާއަތްތަކުންނާއި ތަހުގީގީ އިދާރާތަކުން އެހީ ހޯދަން ވަނީ ނިންމައިފަ އެވެ.