މިނިސްޓަރު އަލީ ވަހީދާއި އާތިފާގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓް ބޭފުޅުންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާގެ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބަލަމުންދާ ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.


އެނގިފައިވާ ގޮތުގައި، އަލީ ވަހީދާއި އާތިފާގެ މައްސަލައަކީ ވަރަށް ކުރީއްސުރެ، ބަލަމުން އަންނަ މައްސަލައެކެވެ. އެކަމަކު، އޭސީސީން ދެ ބޭފުޅުންނާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.

އަލީ ވަހީދާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަނީ އޭނާ ޑީއާރުޕީގައި ހުންނެވުމަށް ފަހު، އޭރު ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީ އަށް ސޮއިކުރެއްވީ ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއް ކޮށްގެން ކަމަށް ކުރާ ތުހުމަތުގެ މައްސަލަ އެކެވެ. އަލީ ވަހީދު އެމްޑީޕީ އަށް ސޮއި ކުރެއްވީ މެއި 20، 2011 ގަ އެވެ. އެ ޕާޓީގައި ޗެއާޕާސަން ކަން ކުރެއްވުމަށް ފަހު، އަލީ ވަހީދު ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ގޮތުގައި އަލީ ވަހީދު ޑީއާރުޕީގައި ހުންނަވާފައި، އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އެތައް މިލިއަން ޑޮލަރު ނަންގަވައިގެންނެވެ. އެކަމަކު، އެމްޑީޕީ އަށް ސޮއިކުރެއްވީ ނާޖައިޒު ފައިދާއެއް ހޯއްދެވުމުގެ ނިޔަތުގައި ނޫން ކަމަށް އޭރު އަލީ ވަހީދު ވިދާޅުވެފައި ވެ އެވެ.

އާތިފާ އާ ގުޅޭ ގޮތުން ބަލަމުން އަންނަނީ 2004 ގެ ސުނާމީ ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ގެތަކަށް އެޅުމަށް ވިމްލާ ކޮންސްޓްރަކްޝަނާ ހަވާލު ކުރިއިރު، މަޝްރޫއުގެ ކުރީގެ ކޮންސަލްޓަންޓުގެ ގޮތުގައި އާތިފާ ހުރެފައި، ފަހުން ހައުސިން މިނިސްޓްރީގެ ޕްރޮޖެކްޓު މެނޭޖަރެއްގެ މަގާމަށް ބަދަލުވެ، ހިންގެވި ބައެއް ކަންކަމަކީ މަސްލަހަތު ފުށު އަރާ ކަމެއް ކަމަށް ބުނެ އެވެ.

ޕްރޮޖެކްޓް މެނޭޖަރެއްގެ މަގާމުގައި އާތިފާ ހުންނެވި އިރު ކޮންޓްރެކްޓަރު ކޮށްފައި ހުރި ބައެއް މަސައްކަތްތައް ކޮންސަލްޓަންޓްގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި ބަލައި ޗެކްކޮށްފައި ނުވާ ކަމާއި ކޮންސަލްޓަންޓް ސެޓިފައިކޮށްފައިވާ މަސައްކަތްތައް އަލުން ކުރަން ޖެހި އިތުރަށް ހަރަދު ކުރަން ޖެހުނު ކަމަށް މިދިޔަ މަހުގެ އަށް ވަނަ ދުވަހު ނެރުނު އޮޑިޓަ ޖެނެރަލްގެ ހާއްސަ ރިޕޯޓުގައިވެ އެވެ.

އަލީ ވަހީދާއި އާތިފާގެ މައްސަލައެއް އޭސީސީގައި އޮތް ކަން އެނގުނީ، ކެބިނެޓަށް ރުހުން ދިނުމަށްޓަކައި އެއްވެސް ވަޒީރެއްގެ ކޮރަޕްޝަނާ ގުޅޭ ކަމެއް އެ ކޮމިޝަނުން ބަލުމުން ދޭތޯ ބެލުމަށްޓަކައި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ އެދުމަށް އޭސީސީން ފޮނުވި ލިޔެކިޔުންތަކުންނެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކެބިނެޓަށް އައްޔަން ކުރެއްވި އަލީ ވަހީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވާ އެމްއާރްއެމްގެ ސްލޮޓެއްގައި ކެބިނެޓަށް އައްޔަން ކުރެއްވި އާތިފާގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަމުން އައި ނަމަވެސް އެ ބޭފުޅުންނަށް ރުހުން ދިނުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ކޮމިޓީގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ދެ ބޭފުޅުންގެ މައްސަލައެއް އޭސީސީގައި އޮތުމަކީ މައްސަލަ ސާބިތުވުން ނޫން ކަމަށެވެ. އެހެންވެ، ދެ ވަޒީރުން ކުށްވެރި ނުވާ ހިނދަކު، ރުހުން ދިނުމަށް ހުރަހެއް ނެތް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. ކޮމިޓީން މިއަދު ވަޒީރުންނާ ގުޅޭ ލިޔެކިޔުންތައް ދިރާސާ ކުރިއިރު، އެހެން ވަޒީރެއްގެ މައްސަލައެއް މެމްބަރުންނަށް ފާހަގަ ކުރެއްވިފައި ނުވެ އެވެ.

ނަމަވެސް، ހެލްތު މިނިސްޓަރު އިބްރާހިމް އަމީންގެ މައްސަލައެއް އޭސީސީން ބަލައި ނިންމުމަށް ފަހު ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެ އެވެ. އެކަމަކު، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އަމީންގެ މައްޗަށް ދައުވާ ކުރަން ނުފެންނަ ކަމަށް ނިންމައި، މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.

އަލީ ވަހީދާއި އާތިފާގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި އެހެން ވަޒީރުންނަށް ވެސް ރުހުން ދިނުމަށް ކޮމިޓީން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ. އެ ނިންމުމާ މެދު އެންމެ ފަހުން ގޮތެއް ނިންމާނީ މަޖިލިހުގެ ތަޅުމުން ކަމަށްވާއިރު، ވަޒީރުންނަށް ރުހުން ދިނުމާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.