އަލީ ވަހީދާއި އާތިފާގެ ކޮރަޕްޝަންގެ މައްސަލައެއް ބަލާކަމަށް ބުނެވުނީ އޮޅުމަކުން: އޭސީސީ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އާމިނަތު އާތިފާގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާ ކަން ދޭހަވާގޮތަށް މައުލޫމާތު ދެވިފައިވަނީ އޮޅުމަކުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.


އެ ދެ ބޭފުޅުންގެ މައްސަލައެއް އޭސީސީން ބަލަމުންދާ ކަމަށް ކުރިން ހާމަވީ، ކެބިނެޓަށް ރުހުން ދިނުމަށްޓަކައި އެއްވެސް ވަޒީރެއްގެ ކޮރަޕްޝަނާ ގުޅޭ ކަމެއް އެ ކޮމިޝަނުން ބަލަމުން ދޭތޯ ބެލުމަށްޓަކައި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ އެދުމަށް އޭސީސީން ފޮނުވި ލިޔެކިޔުންތަކުންނެވެ. ނަމަވެސް އޭގެ ފަހުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު، އޭސީސީގެ ރައީސް ހަސަން ލަތީފު ސޮއިކުރައްވައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އެ ކޮމިޝަނުން ކުރިން ފޮނުވި ސިޓީގައި އަލީ ވަހީދުގެ މައްސަލައެއް ބަލަމުންދާކަން ފާހަގަކޮށްފައިވިއަސް، އެ މައްސަލައަކީ ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެންނުވާ ކުށެއްކަން މާޗު، 10، 2016 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ

އާތިފާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށް ކުރިން ބުނެވުނަސް އޭނާގެ އެފަދަ ކުށުގެ ރިކޯޑެއް ނެތް ކަމަށް ވެސް، އޭސީސީން ފޮނުވި ސިޓީގައި ބުންޏެވެ.

"..މަތީގައި ދެންނެވިފައިވާ ބޭފުޅުންގެ ކުށުގެ ރެކޯޑެއް އޮތް ކަމަށް ދޭހަވާގޮތަށް މައުލޫމާތު ދެވިފައިވަނީ އޮޅުމަކުން ކަމުގައި ދެންނެވީމެވެ،" ސިޓީގައިވެ އެވެ.

އަލީ ވަހީދާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލީ އޭނާ ޑީއާރުޕީގައި ހުންނެވުމަށް ފަހު، އޭރު ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީ އަށް ސޮއިކުރެއްވީ ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއް ކޮށްގެން ކަމަށް ކުރާ ތުހުމަތުގެ މައްސަލަ އެކެވެ. އަލީ ވަހީދު އެމްޑީޕީ އަށް ސޮއިކުރެއްވީ މެއި 20، 2011 ގަ އެވެ. އެ ޕާޓީގައި ޗެއާޕާސަން ކަން ކުރެއްވުމަށް ފަހު، އަލީ ވަހީދު ވަނީ މި އަހަރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

އާތިފާއާ ގުޅޭ ގޮތުން ބަލަމުން އަންނަނީ 2004 ގެ ސުނާމީ ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ގެތަކަށް އެޅުމަށް ވިމްލާ ކޮންސްޓްރަކްޝަނާ ހަވާލު ކުރިއިރު، މަޝްރޫއުގެ ކުރީގެ ކޮންސަލްޓަންޓުގެ ގޮތުގައި އާތިފާ ހުރެފައި، ފަހުން ހައުސިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރެއްގެ މަގާމަށް ބަދަލުވެ، ހިންގެވި ބައެއް ކަންކަމަކީ މަސްލަހަތު ފުށު އަރާ ކަމެއް ކަމަށް ބުނެ އެވެ.

އެ ދެ ވަޒީރުންނަށް ވެސް މަޖިލީހުން ވަނީ ރުހުންދިނުމަށް ފާސްކޮށްފަ އެވެ.