ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފި

އިދިކޮޅު ޕީޕީއެމްގެ ވޯޓާ އެކު، ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ތާއީދުކޮށްފި އެވެ.


ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. ނަމަވެސް، މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ވަނީ ކޮމެންވެލްތާ ގުޅެން ނިންމައިފަ އެވެ.

މަޖިލީހުގެ ޖަލްސާގައި ގައުމީ ސަލާމަތުގެ ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުން ވަނީ ކޮމަންވެލްތުގައި އަލުން ބައިވެރިވާން ފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ. އޭގެތެރޭގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް އަދި އެމްޑީއޭގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން ވޯޓު ދެއްވިއިރު، މީގެ ދެ އަހަރު ކުރިން، ހަމަ އެ މެމްބަރުން ވަނީ ކޮމަންވެލްތާ ގުޅުން ކަނޑާލަން މަޖިލީހުގައި ވޯޓު ދެއްވައިފަ އެވެ.

މި މައްސަލަ ދިރާސާކުރި ގައުމީ ސަލާމަތުގެ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވެސް ވަނީ ކޮމަންވެލްތުގައި އަލުން ރާއްޖެ އިން ބައިވެރިވާން ފެންނަ ކަމަށް ނިންމައިފަ އެވެ.

ކޮމަންވެލްތާ ގުޅުމަކީ ރައީސް އިބްރާހިމް މުއްމަދު ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެމަނިކުފާނުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން މަޖިލީހަށް ހުށަހެޅުން ހިމެނެ އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ ސަބަބެއްގެ ގޮތުގައި ކުރީގެ ސަރުކާރުން އޭރު ދެއްކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު ތަފާތުކޮށް ކަންކަން ކުރުމެވެ. ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވުމުގެ ސަބަބުން ރާއްޖެ އަށް ލިބޭ އެތައް ފައިދާއަކުން މަހްރޫމްވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ސިޔާސީ ލީޑަރުން ޖަލަށް ލާން ފެށުމާއި، އަސާސީ ބައެއް ހައްގުތަައް ސަރުކާރުން ހަނިކުރަން ފެށުމުން، އެކަމާ ދެކޮޅަށް ކޮމަންވެލްތުން އަޑު އުފުލި އެވެ. އެކަމަކު، ކުރީގެ ސަރުކާރުން ގަބޫލު ކުރީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެނީ ކަމަށެވެ.

ނަމަވެސް ކޮމަންވެލްތު ފަދަ ޖަމާއަތްތަކުން ގޮވާލަމުން ގެންދިޔައީ ރާއްޖޭގައި ޑިމޮކްރަސީއާ ހިލާފަށް ސަރުކާރުގެ އަމަލްތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމަށެވެ.

ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ ޖުލައި 9، 1982 ގަ އެވެ. އަދި އެ ޖަމާއަތުން ވަކިވީ އޮކްޓޫބަރު 13، 2016 ގަ އެވެ.