ސަފީރުންގެ ގޮތުގައި އަށް ބޭފުޅަކު އައްޔަން ކުރަނީ

ރާއްޖޭގެ ފަރާތުން އދ. ގައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމަށް އަދި އެހެން ބައެއް ގައުމުތަކުގެ ސަފީރުންގެ ގޮތުގައި އަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.


އެ ބޭފުޅުންނަކީ:

1- ރާއްޖޭގެ ފަރާތުން އދ. ގައި ހުންނަވާ ދާއިމީ މަންދޫބަކަށް އަދި އެމެރިކާގެ ސަފީރަކަށް ތިލްމީޒާ ހުސައިން، މ. ނޫހިރި

2- ބްރަސަލްސްގެ ސަފީރަކަށް ހަސަން ސޯބިރު، ގ. ފިޔާތޮށިގެ

3- އިންޑިއާގެ ސަފީރަކަށް އާއިޝަތު މުހައްމަދު ދީދީ، ހ. ދޫރިހާ

4- ލަންކާގެ ސަފީރަކަށް އުމަރު އަބްދުއްރައްޒާގް، ހ. ހިކިފިނިފެންމާގެ

5- ސިންގަޕޫރުގެ ސަފީރަކަށް ޑރ. އަބްދުﷲ މައުސޫމް، (ނަންބަރު 4336)

6- ޖަރުމަނު ސަފީރަކަށް އަހުމަދު ލަތީފް، ހ. ސީވީޑް

7- އިނގިރޭސި ވިލާތުގެ ސަފީރަކަށް ޑރ. ފަރަހަނާޒް ފައިސަލް، ހ. އަމީނީގެ

8- މެލޭޝިއާގެ ސަފީރަކަށް ވިސާމް އަލީ، ހ. އާޒާދެވާދީ

މި އަށް ބޭފުޅުންގެ ތެރެއިން ބްރަސަލްސްގެ ސަފީރަކަށް އައްޔަން ކުރައްވާ ސޯބިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ސިންގަޕޫރުގެ ސަފީރަކަށް އައްޔަން ކުރައްވަން ނިންމެވި ޑރ. މައުސޫމަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޖަރުމަނުގެ ސަފީރަކަށް އައްޔަން ކުރައްވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ) އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ބޭބެ އަހުމަދު ލަތީފެވެ. ލަތީފަކީ، ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޗައިނާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

މެލޭޝިއާގެ ސަފީރަކަށް އައްޔަން ކުރައްވަނީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި މިހާރު އެމްޑީޕީގެ މެމްބަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުން ވިސާމެވެ.

ސަފީރުކަމަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުން މިހާރު ވެސް ދިރިއުޅުއްވަނީ އެބޭފުޅުންނަށް މަގާމު ހަމަޖައްސަވާ ގައުމުތަކުގަ އެވެ.