ދެ ކޮމިޝަނަށް ބާރުތައް ދީގެން އެފަދަ ކޮމިޝަންތައް ޒިންމާދާރު ކުރުވޭނެ: ރިޔާޒު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަންތަކަށް ހާއްސަ ގާނޫނެއް އޮތުމަކީ އެފަދަ އެހެން ކޮމިޝަންތައް ވެސް ޒިންމާދާރު ކުރުވަން ލިބޭ ބާރެއް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮރަޕްޝަނާއި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދާށާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން އުފެއްދެވި ދެ ކޮމިޝަނަށް ގާނޫނީ ބާރުތަކެއް ދޭން ހާއްސަ ގާނޫނެއް މިހާރު ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށައަޅައިފަ އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމުން ގެންދަނީ އެ ބިލާ ދެކޮޅުހަދަމުންނެވެ.

ދެ ކޮމިޝަނަށް އެ ބާރުތައް ދީގެން ބިލް ފާސްކޮށްފި ނަމަ ކޯޓަށް ވަޑައިގަންނަވާނެކަމަށް ޔާމީން ރޭ ވަނީ ވިދާޅުވެފަ އެވެ.

ޔާމީންގެ އެ ވާހަކަފުޅަށް ރައްދުދެއްވައި ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ކޮމިޝަން އުފައްދަވައިގެން ތަހުގީގު ކުރުމުގެ ބާރު ރައީސަށް ލިބިދިނަސް ރައީސް ބޭނުންފުޅުވަނީ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ތެރެއިން އެކަން ކުރައްވަން ކަމަށެވެ.

"އެފަދަ ގާނޫނެއް އޮތުމަކީ ކޮމިޝަންތައް ވެސް ޒިންމާދާރު ކުރުމަށް އެޅޭނެ ބާރެއް،" ރިޔާޒުގެ ޓްވީޓްގައި ވެ އެވެ.

އެ ޓްވީޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިހާރު އޮތް ބިލް ގާނޫނަކަށް ވެއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ކުރިއަށް އޮތް ތަނުގައި ހަދާ އެފަދަ އެހެން ކޮމިޝަންތައް ވެސް ޒިންމާދާރު ކުރެވޭނެ ކަމަށެވެ.

"ރިޔާސީ ކޮމިޝަންތައް އުފެއްދުމާ ބެހޭ ގާނޫނެއް އޮތުމުން އެފަދަ ކޮމިޝަންތައް ޒިންމާދާރު ކުރެވޭނެ،" ރިޔާޒު ވިދާޅުވި އެވެ.

ރައީސް އުފެއްދެވި ދެ ކޮމިޝަން، ތަހުގީގީ ދެ އިދާރާއަކަށް ހަދައި ބޮޑެތި ބާރުތަކެއް ދޭ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ.

ބިލްގެ އެއް މަގުސަދަކީ ތަހުގީގުނުކޮށް، ދޫކޮށްލާފައި ހުރި އަދި އެކަށީގެންވާ މިންވަރަށް ތަހުގީގުނުކޮށް ދޫކޮށްލާފައިވާ މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް އަލުން ތަހުގީގުކޮށް އެ ކަންކަމުގެ ހަގީގަތް ހޯދައި، ޒިންމާވާން ޖެހޭ މީހުން ޖަވާބުދާރީ ކުރުވުމެވެ. މީގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ފާހަގަކޮށް، އެކި ފަރާތްތަކުގެ އިހުމާލާއި ފަރުވާ ކުޑަކުރުމުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާގެ މައްސަލަތައް ބަލައި އެ ފައިސާ އަނބުރާ ހޯދަން ހަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ވެސް ބިލްގައި ހިމަނާފައިވެ އެވެ. އަލަށް އެކުލަވައިލި ދެ ކޮމިޝަނަށް ޖިނާއީ ކުށް ތަހުގީގު ކުރުމުގެ ބާރާއި ދައުވާ އުފުލުމުގެ ބާރު ވެސް، ބިލްގައި ދީފައިވެ އެވެ.

އެކަމަކު އެ ބިލުގައި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ވިދާޅުވެފަ އެވެ. އެ ބިލް މިހާރު އޮތް ގޮތުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބާރުތައް ހަނިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޔާމީނާއި ޕީޕީއެމުން އެ ބިލަށް ދެކޮޅުހަދާތީ ސަރުކާރު ފަޅީގެ މެމްބަރުން ވިދާޅުވަނީ އެއީ ކުރީގެ ސަރުކާރުގައި ހިންގާފައިވާ މައްސަލަތައް ބެލިޔަ ނުދިނުމުގެ ބަހަނާއެއް ކަމަށެވެ.