މަސްވެރިން ޑީކޯވުމުގެ ފަހަތުގައި ވަނީ އިހުމާލު: ސެންޑީ

ފީނައިގެން އެން ހިފަން އުޅެނިކޮށް ހިނގާފައިވާ ހިތާމަވެރި ހާދިސާތައް އިތުރު ވުމުގައި އެތައް ބައެއްގެ އިހުމާލު އޮތް ކަމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު، ހުސެން ރަޝީދު (ސެންޑީ) މިއަދު ބުނެފި އެވެ.


ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ގެ މައްސަލަ ކުރިމަތިވުން ރާއްޖޭގައި މިހާރު ދަނީ އާންމުވަމުންނެވެ. ހާއްސަކޮށް ވައި ފުޅީގައި ޑައިވްކުރުމުގެ ތަމްރީނު ނެތި އެން ހިފާށާއި ފާނަ ހިފަން ފީނާ މަސްވެރިންގެ އެތައް ބަޔަކު މަރުވެ، އަނެއް ބަޔަކު ޕެރަލައިޒް ވުން ފަދަ ހާލަތާ ކުރިމަތިލާން ޖެހިފައިވެ އެވެ.

ރޭ ފަތިހު ގދ. ގައި އެން ހިފަން ފޭބި ހަތަރު މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސްވެ އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.

އެ މީހުން ވަނީ، އާންމުކޮށް ޑައިވަރުން ވެސް ފީނާ ފުން މިން ކަމަށް ވާ 30 މީޓަރުގެ ބަދަލުގައި 44 މީޓަރު އަޑިއަށް ފީނައި، 35 މިނިޓް ހޭދަކޮށްފައި ކަމަށް، އެމްއެންޑީއެފުން ބުނެ އެވެ. ޑައިވް ކުރާތާ 36 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސެންޑީ ބުނީ ރާއްޖޭގައި އެފަދަ ހާދިސާތައް ހިނގަނީ ލައިސެންސް ނެތި ފީނުމުގެ ސަބަބުން ކަމަށެވެ. އެކަން ހިނގުމަކީ ދޯނިތަކުގެ ވެރިންނާއި ފިޝަރީޒް މިނިސްޓްރީން ވެސް ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"އޮޑިވެރިންނަށް އެކަން އެނގި ތިބެ މީހުން ލައްވައި އެފަދަ ނުރައްކާ ކަންކަން ކުރުމަކީ އިހުމާލެއް. އަދި އެކަންކަން އެނގި އޮތޯރިޓީތަކުން ތިބުމަކީ ވެސް އިހުމާލެއް،" ސެންޑީ ބުންޏެވެ.

ޑައިވިން ކުރާ މީހެއްގެ ހަށިގަނޑު ތެރޭގައި ބޮކިތައް އުފެދޭ ގޮތް ދައްކުވައިދޭ ކުރެހުމެއް

އޭނާ ބުނިގޮތުގައި މިހާރުން މިހާރަށް ވެސް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މަސްވެރިންނަށް ހިންގަން ޖެހެ އެވެ.

މިއަދު ޑީކޯވި މީހުން 44 މީޓަރުގައި 35 މިނެޓު ހޭދަކޮށްފައި ވާއިރު ބައިނަލްއަގުވާމީ މިންގަނޑުން ބެލިޔަސް ވައި ފުޅީގައި އެ ފުންމިނުގައި އޮވެވޭނީ ނުވަ މިނެޓުހާ އިރު ކަމަށް ސެންޑީ ބުންޏެވެ.

ރާއްޖޭގެ ގަވައިދުތައް ބުނާ ގޮތުން 30 މީޓަރަށް ވުރެ އަޑިއަށް ފީނުމަކީ މަނާކަމެކެވެ.

"އެކި ފުންމިނުގައި އުޅެވޭނީ އެކި ވަރަށް. އަތުގައި އަޅާފައި އޮންނަ ޑައިވިން ކޮމްޕިއުޓަރުން ދައްކާނެ އޮވެވޭނެ ވަރާއި މައްޗަށް އަރަން ޖެހޭ ވަރު. އެ އުސޫލުތައް ފޮލޯ ނުކުރާތީ ހާދިސާ ހިނގަނީ،" ސެންޑީ ބުންޏެވެ.

"މަގުމަތީ ސައިކަލެއް ދުއްވާއިރު ޓްރެފިކް ލައިޓް ރަތްވެފައި އިންދާ ދުއްވީމަ ވާ ގޮތް މިވަނީ. ޓްރެފިކް ރޫލްސް ނޭންގެންޏާ."

ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި، އަދި މާ ފުނަށް ފީނުމުގެ ސަބަބުން ފުއްޕާމޭ ފަޅައިގެން ދިއުން ފަދަ ނުރައްކާތައް ދިމާވެ އެވެ.

ޑީކޯ ވަނީ ކިހިނެއް؟

ވައި ފުޅިއާ އެކު ފުނަށް ފީނާ ނިމުމުން މައްޗަށް އަރަން ޖެހެނީ ވަކި ގޮތަކަށެވެ. އެކި ފުން މިނުގައި އެކި ވަގުތަށް މަޑުކޮށްގެން އޮންނަ ޖެހެ އެވެ. އެގޮތަށް އޮންނަންވާ ގޮތުގެ ތަފްސީލް އެނގޭ އާލާތްތައް ހުރެ އެވެ. އެއީ ޑައިވަރުން ބޭނުންކުރަން ޖެހޭ އެއްޗެކެވެ. ޑީކޯ ވަނީ އެއަށް ނުބަލައި މައްޗަށް އެރުމުން ހަށިގަނޑުގެ ތެރޭގައި އުފެދޭ ބޮކިތަކުން ލޭ ހޮޅިތައް ބެދިގެންނެވެ.

ޑީކޯވާ މަސްވެރިންނަށް ވަގުތުން އޮކްސިޖަންގެ ފަރުވާ ދޭން ޖެހޭއިރު މަސް ދޯނިފަހަރުގައި އެމަޖެންސީ އޮކްސިޖަންއެއް ނުހުރެ އެވެ.

ޑީކޯވާ މީހުންނަށް ފަރުވާ ދޭ ހާއްސަ ޗެމްބަރާ ހަމައަށް ގެންދެވެންދެން އޮކްސިޖަން ދޭން ޖެހެ އެވެ. ޑީކޯވާ މީހުންނަށް ފަރުވާ ދެނީ ޗެމްބަރަށް ލައިގެންނެވެ. އެފަދަ ބައެއް ޗެމްބާތައް ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ވަނީ ގާއިމްކޮށްފަ އެވެ.

ޑީކޯވެފައިވާ މީހާ ޗެމްބަރަށް ލުމަށް ފަހު މޫދު އަޑީގެ ޕްރެޝަރަށް އޭގެ ތެރެ ބަދަލުކޮށްލަ އެވެ. ލޭ ހޮޅިތައް ބައްދާފައިވާ ބޮކިތައް، އޭގެ ސަބަބުން، ކުޑަވެ ބޭރުކޮށްލަ އެވެ.