ވައިގެ ދަތުރުފަތުރު ވާދަވެރިކޮށް، އަގު ހެޔޮކުރާނަން: އައިޝާ

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ވާދަވެރިކޮށް އަދި ޓިކެޓުގެ އަގު ވެސް ހެޔޮ ކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިރޭ ވިދާޅުވެއްޖެ އެވެ.


ބައިނަލްއަގުވާމީ އޭވިއޭޝަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައިގެ ދަތުރުފަތުރުގެ އަގުތައް ހެޔޮކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވައި ވިދާޅުވީ މިހާރު ފްލައިޓް ޓިކެޓް ވިއްކަމުން ދަނީ ބޮޑު އަގުތަކެއްގައި ކަމަށެވެ.

އައިޝާ ވިދާޅުވި ގޮތުގައި އެކަން ހައްލުކުރާނީ "އޯޕަން ސްކައި ޕޮލިސީ" ގެ ތެރެއިންނެވެ. އެގޮތުން ރަނގަޅު އުސޫލުތަކަކާއި ވާދަވެރި މާކެޓެއް އުފައްދައި އެކަން ހައްލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭވިއޭޝަން ދާއިރާގެ އަގުތައް ހެޔޮކުރެވޭނީ ރަނގަޅު ވާދަވެރިކަމެއް އޮވެގެން. އެތެރޭގެ އުދުހުންތަކަށް އަމާޒުކޮށްގެން. އެއީ އާއްމުންނަށް ފަސޭހައިން ލިބޭނެ ހިދުމަތަކަށް ހެދުމަކީ އަމާޒެއް،" އައިޝާ ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުތައް ބޮޑުވުމަކީ އާންމުންގެ ޝަކުވާއެކެވެ. އެހެންކަމުން އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ހިމަނާފައި އޮތް ވައުދެކެވެ.

ބައިނަލްއަގުވާމީ އޭވިއޭޝަން ދުވަހުގެ ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝާ އަދި އެކަމަނާގެ މިނިސްޓްރީގެ ބައެއް އިސްވެރިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ފްލައިމީގެ ވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، އައިޝާ ވިދާޅުވީ ދިވެހިންނަށް ސީޕްލޭން ދަތުރުތައް ފެށޭ ދުވަހެއް ވެސް ދެކެވަޑައިގަންނަވަން ބޭނުން ކަމަށެވެ. ރާއްޖޭގެ 97 ޕަސެންޓަކީ ކަނޑު ކަމަށް ވާއިރު އެކަން ނުވާންވީ ސަބަބެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އައިޝާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޖީޑީޕީގެ 10.3 ޕަސެންޓް ހިއްސާ ކުރަނީ އޭވިއޭޝަން ދާއިރާ ކަމަށް ވާތީ އެއީ ރާއްޖެއަށް ވަރަށް މުހިންމު ސިނާއަތެކެވެ.

ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ސަލާމަތީ ކަންކަމާ ގުޅޭ އޮޑިޓެއް 2014 ގައި ހަދާފައިވާ އިރު ބައިނަލްއަގުވާމީ ފެންވަރެއްގެ ސްކޯއެއް ލިބިފައިވެ އެވެ.

އައިޝާ ވިދާޅުވީ މީގެ 17 އަހަރު ކުރިން ފާސްކޮށްފައިވާ އޭވިއޭޝަން ގާނޫނު އިސްލާހު ކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

"ސަރުކާރުން ނިންމާފައިވަނީ ސިވިލް އޭވިއޭޝަން ގާނޫނު، ފަސިންޖަރުންގެ ހައްގުތައް ހިމާޔަތް ވާ ގޮތަށް ފަރުމާކޮށް ކައިރި މުސްތަގުބަލެއްގައި މަޖިލީހަށް ހުށަހެޅުމަށް،" އައިޝާ ވިދާޅުވި އެވެ.