ކައުންސިލްތައް ކުޑަކުރަން ނެގި ވޯޓުގައި ހަލީލް ޕީޕީއެމް ވިޕާ ހިލާފުވެއްޖެ

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރަން ޕީޕީއެމް ކޯލިޝަނުން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލް ވިޕާ މިއަދު ހިލާފުވެވަޑައިގެންފި އެވެ.


ވޯޓު ނެގި ޖަލްސާގައި އޭނާ އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައެއް ނުގެންނެވި އެވެ.

ހަލީލްގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފް ވެސް ވަނީ ވިޕާ ހިލާފުވެވަޑައިގެންފަ އެވެ. ފާރިސް ވަކި ގޮތަކަށް ވޯޓު ނުދެއްވާ އިންނެވިއިރު، ހުސެއިން ވޯޓު ދެއްވީ އިސްލާހު ފާސްނުކުރުމަށެވެ.

ތްރީ ލައިން ވިޕާ ހަލީލް ހިލާފުވެވަޑައިގެންނެވި އިރު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓުމުގެ މަގުސަދުގައި ސަރުކާރުން ހުށަހެޅި ބިލް ދިރާސާކުރި ކޮމިޓީގެ މުގައްރިރަކަށް އިންނަވައި، އެ ބިލް ކުރިއަށް ވުރެ ވެސް ހަރިކަށިކޮށް ނިންމުމުގައި އިސް ދައުރެއް އޭނާ ވަނީ އަދާކުރައްވައިފަ އެވެ.

ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަންނަން އިއްޔެ ވޯޓު ނެގި ގަޑީގައި ހަލީލް ޖަލްސާގައި ނެތެވެ. ނަމަވެސް މި އިސްލާހަށް ބަހުސް ކުރަން އިއްޔެ ހުޅުވާލި ފުރުސަތުގައި އޭނާ ވަނީ އެއާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

މަޖިލިހުގެ އިގުތިސާދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ހަލީލް ވިދާޅުވީ ދާއިރާތައް މަދު އަތޮޅުތަކުގަ އާއި ދާއިރާތައް ގިނަ އަތޮޅުތަކުގައި ތަފާތު ކުރުމެއް ނެތި އަތޮޅު ކައުންސިލްތައް އޮންނަން ޖެހޭނެ ކަމަށެވެ. އެހެންވެ މި އިސްލާހު މިއަށް ވުރެ ރަނގަޅަށް ދިރާސާކޮށްގެން މަޖިލީހަށް ހުށަހެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ފިޔަވަޅު އަޅާ ކޮމިޓީގެ އެންމެ އިސް ފަރާތަކީ ވެސް ހަލީލެވެ. އެހެންކަމުން އޭނާ ޕީޕީއެމް ކޯލިޝަންގެ ވިޕާ ހިލާފުވެވަޑައިގަތުމުން އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމާ ބެހޭ ގޮތުން ހަލީލް ވަނީ ގިނަ ދިރާސާތަކެއް ކުރައްވައިފަ އެވެ. އެގޮތުން އޭނާގެ ޕީއެޗު.ޑީގެ ތީސިސް ލިއުއްވީ ވެސް ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށެވެ.

މަޖިލީހުގެ ޕީޕީއެމް ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ އަދި މިއަދުގެ ބައެއް ވޯޓުތަކުގައި ވިޕާ ހިލާފުވެވަޑައިގެންނެވި ހަތަރު މެމްބަރުން. (ކ) އިން (ވ). ފާރިސް، ހުސެއިން އަރީފް، މުސްތަފާ އަދި ހުސެއިން މަނިކު ދޮން މަނިކު. - ފޮޓޯ: މަޖިލިސް

އެއްވެ އުޅުން ހަނިކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކުރުމާ ދެކޮޅަށް ވެސް ޕީޕީއެމް ކޯލިޝަންގެ ބައެއް މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. އަދި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ މެމްބަރުން ވެސް ތިއްބެވި އެވެ.

ޕީޕީއެމް ކޯލިޝަނުން ނެރޭ ތްރީ ލައިން ވިޕުތަކާ ހިލާފަށް އެ ކޯލިޝަންގެ ބައެއް މެމްބަރުން ވޯޓު ދެއްވުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. ވިޕާ ހިލާފުވެވަޑައިގަންނަވާ މެމްބަރުންގެ މައްސަލަ ބަލާނެ ކަމަށް ބުނި ނަމަވެސް، އެ މެމްބަރުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.