މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތަށް ރައީސް ގެމަނަފުއްޓަށް ވަޑައިގަންނަވަނީ

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ގއ. ގެމަނަފުށީގައި ބާއްވާ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ރަށަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.


ރައީސް، ބުދަ ދުވަހު ގެމަނަފުއްޓަށް ވަޑައިގަންނަވަނީ އެ ދުވަހުގެ ރޭ އެ ރަށުގައި ބާއްވާ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ޖަލްސާގައި، ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އިސްބޭފުޅުންނާއި ގއ. އާއި ގދ. އަތޮޅުގެ މަސްވެރިން ބައިވެރިވާނެ އެވެ.

މަސްވެރިންގެ ދުވަހަކީ މިއަދު ކަމަށް ވިޔަސް ދުވަހާ ގުޅޭ ރަސްމީ ޖަލްސާ އޮންނާނީ ބުދަ ދުވަހުގެ ރޭގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އއ. އުކުޅަހަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނަށް ދަންނަވައިފަ އެވެ.

"ކޮންމެ ރަށެއްގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރި ކަމުގައި ވިޔަސް އެ ދުވަހަކީ ވަކި ރަށަކަށް ހާއްސަ ދުވަހެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ގެމަނަފުށީގައި މާދަމާ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އައިމިނަތު ނާޒިމާ މިއަދު ވިދާޅުވީ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ވަޒީރުންގެ ޓީމެއް މާދަމާ އެ ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަހުގެ ތަފާތު ބާއްވަތްތައް ދައްކައިލުމުގެ ފުޑް ފެއާއެއް ގެމަނަފުށީގައި މާދަމާ އޮންނާނެ އެވެ. އަދި ފީނުމަށާއި ބޯވަ ދިލަ މަސްވެރިކަމާ ގުޅޭ ގޮތުން ތަމްރީން ޕްރޮގްރާމަކާއި ހޭލުންތެެރިކަމުގެ ޕްރޮގްރާމެއް ވެސް އޮންނާނެ ކަމަށް ނާޒިމާ ވިދާޅުވި އެވެ.

އަދި، އަންހެނުންނަށާއި ފިރިހެނުންނަށް ވަކިން މަސްކެނޑުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދާނެ އެވެ. މި މުބާރާތުގައި، އެންމެ އަވަހަށް މަސް ކަނޑާ މީހަކަށް ފައިސާގެ އިނާމެއް ދޭނެ އެވެ.

މިއަދަކީ ރާއްޖޭގެ 38 ވަަނަ މަސްވެރިންގެ ދުވަހެވެ. މަސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެންމެ ފުރަތަމަ މި ދުވަސް ފާހަގަ ކުރީ 1981 ވަނަ އަހަރު އެވެ.