އިތުރު ތިން ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރައްވައިފި

އިތުރު ތިން މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ތިން ބޭފުޅަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.


އެއީ:

1- ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް ޑރ. ނައުޝާދު މުހައްމަދު، މއ. އަމީނީވިލާ

2- ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުގެ ނައިބަކަށް ހިދާޔާ ނަސީރު، ސ. ހިތަދޫ، ކޯޒްވޭވިލާ

3- ފޮރިން އެފެއާޒް މިނިސްޓަރުގެ ނައިބަކަށް އަބްދުﷲ ހުމައިދު، ދ. މާއެނބޫދޫ، މޫރިތި

މި ތިން ބޭފުޅުންނާ އެކު، މިދިޔަ މަހުގެ 17 ގައި ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަލަށް އައްޔަން ކުރެއްވި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދަކީ އަށެކެވެ. މި މަހުގެ ހަތަރުވަނަ ދުވަހު ވެސް ރައީސް ވަނީ ދެ މިނިސްޓްރީ އަކަށް ހަތަރު ނައިބަކު އައްޔަން ކުރައްވައިފަ އެވެ.

އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޔަން ކުރައްވާފައިވާ ޑެޕިއުޓީ މިނިސްޓަރުންނާ އެކު، އެ މަގާމުގައި މިހާރު ތިއްބެވި ބޭފުޅުންގެ އަދަދު 29 އަށް އަރަ އެވެ.

މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.

މި ސަރުކާރުގައި މިހާތަނަށް އަލަށް އައްޔަން ކުރެއްވި ސްޓޭޓް މިނިސްޓަރުންގެ އަދަދަކީ 29 އެވެ.

ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންވެ، ކޮންމެ ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.