ޕޮލިސް ކޮމިޝަނަރު ކަމުން ހަމްދޫން ވަކިކޮށްފި

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ހަމްދޫން ރަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިއަދު ވަކިކުރައްވައިފި އެވެ.


އެނގިފައިވާ ގޮތުގައި ކޮމިޝަނަރުކަމުން ހަމްދޫން ވަކިކުރެއްވީ ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރުމުގެ ފުރުސަތު ދެއްވާ ގޮތަށެވެ.

ފުލުހުންގެ ވަޒީފާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައިވާ ހަމްދޫން ކޮމިޝަނަރު ކަމަށް މިދިޔަ އޮކްޓޯބަރު މަހު އައްޔަން ކުރެއްވީ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އެވެ. ހަމްދޫނަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓި ކޮމާންޑަރެވެ.