ސިކުންނާ ދެކޮޅަށް ހިންގި ޖަރީމާއާ ގުޅިގެން ކޮންގްރެސްގެ މެމްބަރަކު އުމުރަށް ޖަލަށް

ނިއު ދިއްލީ (ޑިސެމްބަރު 18) - އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން އެ ގައުމުގައި ސިކުންނާ ދެކޮޅަށް ހިންގި ގަތުލު އާންމުގެ މައްސަލާގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިސް މެމްބަރަކު އުމުރަށް ޖަލަށްލާން ނިއު ދިއްލީގެ ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.


ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ 1984 ވަނަ އަހަރު އަވަހާރަކޮށްލުމާ ގުޅިގެން ސިކުންނާ ދެކޮޅަށް އޭރު އެ ގައުމުގައި ހިންގި ގަތުލު އާންމުގައި 3،000 އަށް ވުރެ ގިނަ މީހުން މަރާލި އެވެ. ސިކުންނާ ދެކޮޅަށް އެ ގަތުލު އާންމު ހިންގީ އިންދިރާ ގާންދީ އަށް ހަމަލާދީ، އަވަހާރަކޮށްލި އެކަމަނާގެ ދެ ބޮޑީގާޑުންނަކީ ވެސް ސިކުންގެ ދެ މީހަކު ކަމަށްވާތީ އެކަމުގެ ބަދަލު ހިފުމަށެވެ.

އެ މައްސަލާގައި އުމުރަށް ޖަލަށްލާން ހުކުމްކުރީ އިންޑިއާގެ އިދިކޮޅު ނޭޝަނަލް ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މެމްބަރެއް ކަމަށްވާ ސައްޖަން ކުމާރުގެ މައްޗަށެވެ. އިންދިރާ ގާންދީ ވެސް ނިސްބަތް ވަނީ ކޮންގްރެސް ޕާޓީއަށެވެ.

ސައްޖަންގެ މައްޗަށް އެ ހުކުމް އައީ ގަތުލު އާންމަށް ހިތްވަރު ދިނުމުގެ ކުށުގަ އެވެ. އެ ހާދިސާ އަށް 34 ފަހުން އެ މައްސަލާގައި ސައްޖަންގެ އެ ހުކުމް އިއްވީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓަކުން ހުކުމް ކުރުމުން އޭނާ މިނިވަންވެފައި ވަނިކޮށެވެ. އެ ގަތުލު އާންމާ ގުޅިގެން އިތުރު ދައުވާތަކެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.

ސައްޖަންގެ އިތުރުން ކޮންގްރެސް ޕާޓީގެ އިތުރު އިސް ފަރާތްތަކެއްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާ ކުރެ އެވެ. ސައްޖަން ވެގެން ދިޔައީ މިހާތަނަށް ކުށް ސާބިތުވި ސިޔާސީ އެންމެ އިސް ފަރާތަކަށެވެ. އެ ގަތުލު އާންމަށް ހިތްވަރު ދިން ސިޔާސީ އިސް ފަރާތްތަކަށް އަދަބު ނުދެވި އޮތުމަކީ އިންޑިއާގެ ސިކުންގެ އެންމެ ބޮޑު ޝަކުވާ އެވެ. ސައްޖަންގެ މައްޗަށް ކުރި ހުކުމާ އެކު، އަނިޔާ ލިބުނު އާއިލާތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

އިންދިރާ ގާންދީ އަވަހާރަކޮށްލީ އެކަމަނާގެ އަމުރަކަށް ސިކުންގެ ހަރުކަށި ލީޑަރަކާ ދެކޮޅަށް އެ ގައުމުގެ އަސްކަރީ ބާރުތަކުން 1984 ވަނަ އަހަރު ހިންގި އޮޕަރޭޝަންގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ބަދަލު ހިފުމުގެ ގޮތުން އެކަމަނާގެ ހަށިކޮޅަށް ދެ ބޮޑީގާޑަކު ބަޑި ޖަހައި އަވަހާރަކޮށްލުމުން ބޮޑުވަޒީރު ކަމަށް ދެން ވަޑައިގަތީ ދަރިކަލުން ރަޖީވް ގާންދީ އެވެ. ކޮންގްރެސް ޕާޓީގެ މިހާރުގެ ލީޑަރު ސޯނިއާ ގާންދީގެ ފިރިކަލުން ރަޖީވް ގާންދީ ވެސް އަވަހާރަކޮށްލީ ބަޔަކު ދިން ހަމަލާއެއްގައި 1991 ގަ އެވެ.