ރާއްޖެއަށް އައި އިންޑިއާގެ މީހެއްގެ ލަގެޖުން ޑްރަގް ފެނުނީ އެ ލަގެޖުގައި ސްޓިކާތަކެއް ޖަހާފައި ހުރުމުން ޝައްކުވެގެން ފާސްކުރި އިރު ކަމަށާއި އޭގައި ހުރި ތަކެތި ނެގީ އެ ލަގެޖާ ހަވާލުވާން އެހެން މީހަކު އާދޭތޯ ބެލުމަށް ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގަން މަސައްކަތްކުރި ނަމަވެސް މީހަކު އަތުވެދާނެ ކަމަށް ނުބެލެވުމުން ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ފަސިމް ސަހަފް އޮޑަކުންތަނު، 22، މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތަށް ދިން ތިން ދުވަސް ހަމަވާތީ އިއްޔެ ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ދީ ނެރުނު އަމުރުގައިވާ ގޮތުން އޭނާގެ ލަގެޖުން 3.14 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ.

ކަސްޓަމްސް އިން މިދިޔަ ހޯމަ ދުވަހު ބުނި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތީ ތިން ކިލޯ ކެނަބިސް ފަތެވެ. އޭގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ބުންޏެވެ. އެކަމަކު އެއީ އެ މީހާގެ އަތުން ފެނުނު ތަކެތި ބުނެފައި ނުވިޔަސް ހައްޔަރުކުރި ދުވަހާއި ފެނުނު މަސްތުވާތަކެތީގެ ބަރުދަން ކޯޓު އަމުރުގައިވާ މައުލޫމާތާ ދިމާވެ އެވެ.

ތުހުމަތުކުރެވޭ މީހާ އެންމެ ފުރަތަމަ ދުވަހު ކޯޓުގައި ބުނެފައިވަނީ މަސްތުވާތަކެތި ހުރި ލަގެޖް ހުރީ އޭނާގެ ޓްރޮލީގައި ވެސް ނޫން ކަމަށާއި އެއީ އޭނާގެ އެއްޗެއް ނޫން ކަމަށެވެ. އެކަމަކު އިއްޔެ ނެރުނު ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އެއީ އޭނާގެ ނަމުގައި ހުރި ލަގެޖެކެވެ.

ކޯޓުގައި ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެތި ހުރި ފޮއްޓާ ހަވާލުވާން މީހަކު އާދޭތޯ ބެލުމަށް ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގަން މި މައްސަލާގައި މަސައްކަތްކުރި އެވެ. އެކަމަކު އެއާ ހަވާލުވާން މީހަކު އަންނާނެ ކަމަށް ނުބެލެވޭތީ އޮޕަރޭޝަން ނިންމާލައި، ލަގެޖު ގެނައި މީހާގެ ހާޒިރުގައި ހުޅުވައިގެން އިތުރަށް ފާސްކުރީ ކަމަށް ބުނެފައިވެ އެވެ.

އޮންއެރައިވަލް 90 ދުވަހުގެ ވިސާގައި ރާއްޖެއަށް އައި މި މީހާ މިހާރު ވަނީ މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާ އެކުގައި ކަމަށް ބުނެ ދައުލަތުން ވަކީލަކު ހަމަޖައްސައިދޭން އެދިފަ އެވެ. އެހެންވެ އެކަން ހަމަޖައްސަން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.