ބެންގަލޫރުން ރާއްޖެއަށް އައި އިންޑިއާ ބައެއްގެ ލަގެޖްތަކުގައި އިތުރު ފޫތަކެއް އަޅައި އޭގެ ދަށުގައި ފޮރުވައިގެން 8.3 ކިލޯގެ ޑްރަގް ގެނައީ 'ބާއީ' ކިޔާ މީހަކު ފައިސާ ދޭން ބުނުމުން ކަމަށް އެ މައްސަލާގައި ހިމެނޭ މީހަކު ބުނެފި އެވެ. 

މި މައްސަލާގައި އިންޑިއާގެ ދެ މީހަކާއި ތިން ދިވެއްސަކު މިދިޔަ މަހު ކުރީކޮޅު ހައްޔަރުކޮށްފައިވެ އެވެ. އެއީ؛

  • މުހައްމަދު މުސްތާކް ޖަމާލް، 29، އިންޑިއާ
  • ސިރަޖުދީން ރަޝިތާ، 26، އިންޑިއާ
  • އަހްމަދު އަފްރާހް، 33، މުކުރިމަގު، ފޭރުގަސްދޮށުގެ، ލ. ގަން
  • އިލްޔާސް އަހްމަދު، 42، ހ.ކަހަފަތި، މާލެ
  • ހަސަން ޝަމްއޫން، 36، ގ. ހޭޅި، މާލެ

އޭގެ ތެރެއިން އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ނެރުނު އަމުރުތަކުގައިވާ ގޮތުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފޮރުވާފައި ހުރި ލަގެޖުތަކަކީ "ބާއީ" ކިޔާ މީހަކު، ފައިސާ ދޭން ބުނެގެން އެތެރެކޮށްފައިވާ ތަކެތި ކަމަށް އެ މީހުން ބުނެ އެވެ. 

އެ ދެމީހުންގެ ބަންދު އަމުރުގައިވާ ގޮތުގައި، އިންޑިއާގެ ބެންގަލޫރުން ރާއްޖެ އައިރު ގެނެސްފައިވާ ލަގެޖުތަކުން މަސްތުވާތަކެތި ފެނުނީ ކަސްޓަމްސް އިން އެކްސްރޭކޮށް ބެލިއިރު ލަގެޖުތަކުގެ ފުލުގައި އެއްޗެއް ރައްކާކޮށްފައި ހުރި ކަމަށް ބެލެވިގެން އިތުރަށް ބެލިއިރު އެވެ. 

ކޯޓު އަމުރުގައިވާ ގޮތުގައި، މި މައްސަލައިގައި ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓެޓްރާހައިޑްރޯކެނެބިނޯލް އާއި ކެނެބިނޯލްއަށް ޕޮޒިޓިވްވެފައިވާއިރު، އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 8.3 ކިލޯ ހުއްޓެވެ.