ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، އެ ތަކެތި ގެނައީ ކޮން ބައެއްތޯ ބެލުމަށް ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިސްމާއިލް ނަސީރު އަދި މުހައްމަދު ޒިޔާދު ކިޔާ މީހެކެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ވަނީ ދީފަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ތިން ލަގެޖުގެ މުދަލުގެ ތެރޭގައި ފޮރުވައިގެން ސިއްރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގަ އެވެ. އެ ތިން ލަގެޖުގެ ތެރެއިން ކޮންމެ ދާގީނާއަކުން ވެސް 3.51 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
އިސްމާއީލް ނަސީރާއި މުހައްމަދު ޒިޔާދު ސައިކަލެއްގައި އައިސް، އޭގެ ތެރެއިން އެއް ލަގެޖު ހިފައިގެން އިސްމާއީލް ނަސީރު ދިޔުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަދި އެ ވަގުތު މުހައްމަދު ޒިޔާދު ދުރުގައި ބަލަހައްޓައިގެން ހުރިކަން ފުލުހުންނަށް ފާހަގަކުރެވިގެން، އޭނާ ވެސް ހައްޔަރުކުރީ އެވެ.
މި ދެ މީހުން ހައްޔަރުކޮށް ކުޑަކަމުދާތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުންޏެވެ.