ޖިނާހަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން ހުކުމްކޮށްފި

ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހަށް އޭނާ ކުރިން ހުންނެވި ފެންވަރުގެ ވަޒީފާ އާއި މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ދޭން ދައުލަތުން ކޯޓުގައި އެއްބަސްވުމުން އެގޮތަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޖިނާހު ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2013 ގަ އެވެ. އޭރު އޭނާ ވަކިކުރީ ކޮން ތުހުމަތެއްގައި ކަމެއް ސާފެއް ނުވެ އެވެ. ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ވަޒީފާ އަނބުރާ ހޯދަން ޖިނާހުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ދާދި ފަހުންނެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އެ ދައުވާއަށް އެއްބަސްވެ، ޖިނާހު ވަކިކުރީ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށް އެއްބަސްވެފަ އެވެ. އަދި އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް މުސާރަ އާއި އިނާޔަތްތަކަށް ލިބެން ޖެހޭ 2.8 މިލިއަން ރުފިޔާ ވެސް ދައްކަން އެއްބަސްވާ ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.

ދައުލަތުން އެގޮތަށް ކޯޓުގައި އެއްބަސްވުމުން ކޯޓުން މިއަދު ވަނީ އެގޮތަށް ހުކުމްކޮށްފަ އެވެ. އެގޮތުން ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ޖިނާހަށް ދިނުމަށާއި މުސާރަ އާއި އިނާޔަތްތަކަށް ވާ 2.8 މިލިއަން ރުފިޔާ އެއް އަހަރު ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމުގައި އަންގާފައިވެ އެވެ.

މީގެ އިތުރުން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ދޭ ދުވަހާ ހަމައަށް ހިނގި މުއްދަތުގައި މަގާމުގެ ކުރިއެރުން ދޭން ޖެހޭ ކަމަށް ފުލުހުންނަށް ގަބޫލު ކުރެވޭ ނަމަ، މަގާމުގެ ކުރިއެރުން ދިނުމަށް ވެސް އެ ހުކުމުގައި އަންގާފައިވެ އެވެ.

ޖިނާހަށް އަލުން ވަޒީފާ ދޭން ދައުލަތުން އެއްބަސްވިއިރު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝާއި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަކިކުރީ ވެސް ގޯސްކޮށް ކަމަށް ދައުލަތުން އެއްބަސްވުމުން އެ މީހުންނަށް އަލުން ވަޒީފާ ދޭން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އަދި މިހާރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ވެސް އަލުން ވަޒީފާ ދިނީ އޭނާ ވަކިކުރީ އިޖްރާއާތުތަކާ ޚިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެއްބަސްވުމުންނެވެ.