މި ސަރުކާރުން ދައުލަތުގެ މީޑިއާ އަށް ނުފޫޒެއް ނުފޯރުވާނެ: ރައީސް

މި ސަރުކާރުން ދައުލަތުގެ މީޑިއާއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި އެތަނުން ގެނެސްދޭ އެއްޗަކާ މެދު ސަރުކާރު ބިރުގަންނަންޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ދިވެހިރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހިންގާ ޓީވީއެމްއާ މެދު ރައްޔިތުން ދެކޭ ގޮތް ވަރަށް ތަފާތު ކަމަށެވެ. އެގޮތުން، ޕަބްލިކް މީޑިއާ އަކަށް ވުރެ ބޮޑަށް އާންމުން ޓީވީއެމާ މެދު ދެކެނީ މުޅިން އެހެން ކުލައެއް ޖެހިފައިވާ ތަނެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައިސްފައި މިވީ މަހެއްހާ ދުވަސް. [އެތަނުގެ] ހިންގުމަށް އަޅުގަނޑުމެން ބަދަލުތަކެއް މި ގެނައީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އެދުމަކީ ޕީއެސްއެމްގެ ރޭޑިއޯ އާއި ޓީވީ ޗެނަލަކީ ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރާ ތަން ފެނިގެން ދިއުން. ހަމަ ގައިމު ވެސް މި ސަރުކާރުންނެއް ދައުލަތުގެ މީޑިއާ އަކަށް ނުފޫޒެއް ނުފޯރުވާނެ. އަޅުގަނޑުމެން ބިރުގަންނަންޖެހޭ ސަބަބެއް ވެސް ނެތް،" މީޑިއާގެ މިނިވަންކަމަށް ފެށުނީއްސުރެ ވަކާލާތު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

މީޑިއާގެ ބާރު ގަދަކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ބައެއް ގައުމުތަކުގައި ވެރިކަން ބަދަލުވެފައި ވަނީ މީޑިއާގެ ނުފޫޒުން ކަމަށެވެ. އެހެންވެ، އޭގެ ބޭނުން ރާއްޖޭގައި ނާޖާއިޒް ގޮތުގައި ހިފާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ޔަގީންކަން މި ދެނީ އަޅުގަނޑުމެންގެ ސަރުކާރުން ދައުލަތުގެ މީޑިއާ އަކަށް ނުފޫޒެއް ނުފޯރުވާނެއޭ. އެއީ ރައްޔިތުން ގަބޫލުކުރާ، ރައްޔިތުންގެ މީޑިއާއެއްގެ ގޮތުގައި ހެދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ނިއުސް ކޮންފަރެންސަށް ފަހު، ޓީވީއެމްގެ ނޫސްވެރިޔާ މުއާޒްއާ ސަލާމް ކުރައްވަނީ: ރައީސަކީ މީޑިއާގެ މިނިވަންކަމަށް ވަކާލާތު ކުރައްވާ ބޭފުޅެއް.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ބަޔަކު މީޑިއާ ދެކެ ބިރުގަންނަންޖެހޭ ސަބަބެއް އޮންނަން ވާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި ވިދާޅުވީ، ވެރިކަމުގެ ފަރާތުން މީޑިއާ ދެކެ ބިރުގަންނަ ނަމަ އޭގެ މާނަ އަކީ ހާމަކުރަން ބޭނުން ނުވާ، ފޮރުވިފައި ހުންނަ ކަންތައްތަކެއް ހުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އިރާދަކުރެއްވިއްޔާ އެ ކަހަލަ ކަމެއް ނޯންނާނެ. ތިޔަބޭފުޅުންގެ މަސައްކަތަކީ އަޅުގަނޑުމެންގެ ވެރިކަން ހިންގުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ. ހަމަ އެއާ އެކު އަޑުގެ އަދި ޓީވީގެ ވެސް ދައުރަކަށް ވާން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓޫވޭ ޗެނަލެއްގެ ގޮތުގައި މަސައްކަތް ކުރުން. ސަރުކާރުން ހިންގާ ކަންކަން ރަނގަސް ގޯހަސް އެކަންކަން ހާމަކުރުމާ އެކީގައި ރައްޔިތުންގެ ފަރާތުން ރައްޔިތުން އެދޭ ކަންކަން ހާމަކުރެވެން ޖެހޭނެ. ކުރީމާ އަޅުގަނޑުމެންނަށް އެ މައުލޫމާތުތައް ލިބޭނީ،" ފުރަތަމަ ވަޒީފާގެ ގޮތުގައި ޓީވީއެމްގައި ޚަބަރާއި ރިޕޯޓް ލިޔުއްވުމާއި ބޭރު ޚަބަރު ތަރުޖަމާ ކުރެއްވުމުގެ މަސައްކަތް ކުރިން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެފަދަ މީޑިއާއެއްގެ ދައުރު ޕީއެސްއެމް އިން އަދާކުރާ ތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި ކުރިމަގުގައި އެކަން ހާސިލް ވާނެ ކަމަށެވެ. އަދި ވިދާޅުވީ، މީޑިއާ އަށް ގާނޫނުން ދީފައިވާ މިނިވަންކަން މި ސަރުކާރުން ދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މީޑިއާއެއްގައި ނޫސްވެރިއަކު ހާމަކުރާ ކަމަކާ ގުޅިގެން އެ ނޫސްވެރިއަކަށް ނުހައްގު އަދަބެއް ވެސް މި ސަރުކާރުން ނުދޭނެ ކަމަށެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މި މަހުގެ ކުރީކޮޅު ބޭއްވޮ ހަފްލާ އަށް ފަހު، މީޑިއާ ކައުންސިލްގެ މިދިޔަ ދައުރުގެ މެމްބަރުން އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"ދިވެހިރާއްޖެ އަކީ މި ޒަމާނުގެ ޑިމޮކްރަސީގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފަހިކޮށް އޮތް ގައުމަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން. އެއާ އެކު، ނޫސްވެރިން ވެސް ގަބޫލުކުރައްވަން ޖެހޭނެ ކޮންމެ މިނިވަންކަމަކާ އެކީ، ކޮންމެ ހައްގަކާ އެކީގައި އޮންނާނެ ޒިންމާއެއް. އެހެންވީމާ އެ ޒިންމާ ރަނގަޅަށް އުފުއްލަވަން ވާނެ. ޒާތީ ކަންތައްތަކެއް ކޮންމެ މީހެއްގެ ވެސް ހުންނާނެ. އެހެންވީމާ އެ ފަހަނައަޅައި ނުގޮސް އެންމެ ރަނގަޅު ގޮތުގައި މީޑިއާ ބޭނުން ކުރުމަކީ އަޅުގަނޑުގެ މިއަދުގެ އެދުމެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ސިޔާސީ ބޭފުޅުންގެ ޒާތީ މަސްލަހަތެއް ނޯންނާނެ ކަމަށާއި އެބޭފުޅުން އަޅުއްވާ ކޮންމެ ފިޔަވަޅެއް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ.

"އެ އަކު އަޅުގަނޑުގެ އެއްވެސް މައްސަލައެެއް ނެތް. އެހެން ނަމަވެސް އަދި ތިބޭނެ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން. އެ ކަހަލަ ރައްޔިތުންގެ ވާހަކަތައް ގެނެސްދޭއިރުގައި އެ އަށް ސަމާލުކަން ދެއްވަން ވާނެ. އަޅުގަނޑުމެންނަކީ ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި ރައްޔިތުންގެ ޚާދިމުން ކަމަށް ވާތީ އަޅުގަނޑުމެންގެ ޒާތީ އެ ބައި ވަރަށް ކުޑަވާނެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. އާއިލާގައި ވެސް ހަމައެކަނި ދަރިންނާ ހިސާބުން ބައެއް ތަންތަނުގައި ނިމިފައި ހުރޭ. އެހާ ވެސް ހަނިކޮށް މި ހުންނަނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ އަޑަކީ ރައްޔިތުންގެ އަޑު"

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ، އެއީ ރައްޔިތުންގެ އަޑު ކަމަށެވެ. އެހެންވެ، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ތިބި ބަޔަކަށް ވެސް ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ލިބެން ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދިވެހިއްރާއްޖޭގެ އަޑުގެ ޚިދުމަތް ނުލިބޭ ކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އެހެންވެ، ސަރުކާރުގެ މިހާރުގެ އަމާޒަކީ އެންމެ ލަސްވެގެން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށް ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއާ އެކު، ޑިޖިޓަލް ކުރެވި، ސްމާޓް ފޯނަށާއި ފަސޭހައިން އަޑު އިވޭ ގޮތަށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގައި މަސައްކަތް ކުރާ މިސާލަކަށް ދަންނަވާ ނަމަ ބަދިގެ ތެރޭގައި ވިޔަސް މަސްވެރިން މަހަށް ނުކުންނަ އިރު ވެސް އަދި ޓެކްސީ ޑްރައިވަރުން ޓެކްސީ ދަތުރުކުރާ އިރު ވެސް އަދި އެހެން ކަންތައްތަކުގައި ވެސް ތިބޭއިރު ފަސޭހައިން އަޑު އަހައިލެވޭ ކަހަލަ ނިޒާމެއްގެ ތެރެއިން ބަދަލު ގެންނަތަން އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ވަރަށް އަވަހަށް،" ރައީސް ވިދާޅުވި އެވެ.