އެމްއޭސީއެލް އިން ޖެޓް ފިއުލް އަގު ހެޔޮކޮށްފި

ވެލާނާ އެއާޕޯޓުން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި އެވެ.


މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އަންނަ މަހުގެ 1 އިން ފެށިގެން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް މަތިންދާބޯޓުތަކަށް އަޅާ ޖެޓް ފިއުލްގެ އަގު ހެޔޮވާނެ ކަމަށެވެ.

އެގޮތުން އިންޓަނޭޝަނަލް ބޯޓުތަކުން ޖެޓް ފިއުލްގެ އެއް ލިޓަރު ލިބޭނީ 0.91113 ޑޮލަރު (14 ރުފިޔާ) އަށެވެ. މިއީ 6.91 ޕަސެންޓްގެ ކުޑަވުމެކެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކުގެ ޖެޓް ފިއުލް ލިޓަރެއްގެ އަގަކީ 0.92033 ޑޮލަރު (14.1 ރުފިޔާ) އަށެވެ. މިއީ 7.50 ޕަސެންޓްގެ ކުޑަވުމެކެވެ.

ޖެޓް ފިއުލްގެ އަގު ހެޔޮކުރުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮޕަރޭޓްކުރާ އެއާލައިންތަކަށް އެކަމުގެ ފައިދާކުރާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މިދިޔަ އަހަރު ވެސް އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު ހެޔޮކުރި އެވެ. ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފައި މި ވަނީ ޑޮމެސްޓިކް ދަތުރުތަކުގެ އަގު ހެޔޮކުރަން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ވަގުތެއްގަ އެވެ.