ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މިއަދު އުފައްދަވައިފި އެވެ.
އެ އޮތޯރިޓީއަކީ 2015 ވަނަ އަހަރު އުފެއްދި ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އޮތޯރިޓީއެކެވެ.
ސެޕްޓެމްބަރު 6، 2015 ވަނަ އަހަރު ތަސްދީގުކުރި ގާނޫނުގައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީ އުފައްދަންޖެހޭނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެ އޮތޯރިޓީ އުފައްދައިފައެއް ނުވެ އެވެ.
މީގެ ކުރިން ކާރިސާގެ ކަންކަން ބަލަމުން ދިޔައީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިންނެވެ. ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދުމާ އެކު، އެންޑީއެމްސީގެ ހުރިހާ މުވައްޒަފުންނާއި މަސައްކަތް ބަދަލުވާނީ އަލަށް އުފެއްދި އޮތޯރިޓީއަށެވެ.
އެ ގާނޫނުގައިވާ ގޮތުން އެންޑީއެމްއޭގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ޗީފް އެގްޒެކެޓިވް އަދި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އައްޔަންކުރާނީ ރައީސެވެ. އަދި އެތަން ހިނގަމުންދާނީ ރައީސް ކަނޑައަޅުއްވާ މިނިސްޓަރެއްގެ ބެލުމުގެ ދަށުންނެވެ.