ހ. ތިލަފުށިގޭގައި ހިންގި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ބޮޑު ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީ ހޯދުމަށް ބެންކް އެކައުންޓެއް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ހުޅުވައިފި އެވެ.
"މާލޭ ފަޔާ ރިލީފް އެކައުންޓް"ގެ ނަމުގައި ބެންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓް ނަމްބަރަކީ 7730000284246 އެވެ.
އެންޑީއެމްއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބޭނުމަކީ ހާލުގައި ޖެހުނު މީހުންނަށް އެހީ ހޯދުން ކަމަށެވެ. އެހީތެރިވާން ބޭނުންވާ މީހުން އެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް އެންޑީއެމްއޭއިން އެދެ އެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަތް ގެއެއް ވަނީ އަނދައިފަ އެވެ. ލިބުނު މާލީ ގެއްލުމުގެ އަދަދެއް އަދި ނޭންގެ އެވެ. އެ ގެތަކުގައި ދިރިއުޅޭ 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު އެ މީހުން މިހާރު ތިބީ ވަގުތީ ހިޔާތަކުގަ އެވެ. އެ މީހުންނަށް ބޭނުންވާ އަންނައުނާއި ކެއިންބުއިމުގެ ކަންކަން އެންޑީއެމްއޭއިން ވަނީ ހަމަޖައްސައިދީފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގި ރޭ ވެސް ގިނަ އަދަދެއްގެ އާންމުން ވަނީ އެހީގެ ތަކެތި ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ނެޕީ އާއި އަންނައުނާއި ނިދުމަށް ބޭނުންވާ ތަކެތި ހިމެނެ އެވެ. ނަމަވެސް އެންޑީއެމްއޭއިން ވަނީ އެތަކެތި ބަލައިގަތުން އެރޭ ހުއްޓާލައިފަ އެވެ.
ހާލުގައި ޖެހުނު މީހުންނަށް އެހީ ހޯދުމަށް ރާއްޖެ ޓީވީން ވެސް ވަނީ ތެލެތޯނެއް ފަށައިފަ އެވެ. ގިނަ ބަޔަކު އަންނަނީ އެ ފަންޑަށް ވެސް އެހީ ދެމުންނެވެ.
އެ ހާދިސާގައި މަރުވީ ކެމިކަލް ގުދަން ކުރިމަތިން ހުރި ރަދުވާނިއާ ގޭގެ ތިން ވަނަ ފްލޯގައި ދިރިއުޅުނު ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ، 47، އެވެ.