ދެ އަހަރުން ދަށުގެ ކުދިންނަށް ބަސް ދަތުރު ހިލޭ

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ބަސް ދަތުރުތަކަށް މިއަދު ފީ ނަގަން ފެށި ނަމަވެސް ދެ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިރޭ ބުނެފި އެވެ.


ބްރިޖުގެ ބަސް ދަތުރުތަކުގައި ކޮޅަކަށް ނަގަނީ 10ރ. އެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ އަހަރުން ދަށުގެ ކުދިންގެ އިތުރުން ސްކޫލް ޔުނިފޯމުގައި ދަތުރުކުރާ ދަރިވަރުންގެ އަތުން ވެސް ފީ ނުނަގާނެ ކަމަށެވެ. އެކަމަކު ދެ އަހަރުން މަތީގެ ކުދިން ކުލަ ހެދުމުގައި ދަތުރުކުރާ ނަމަ ފީ ދައްކަން ޖެހެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރިޖު ހުޅުވާލި ނަމަވެސް އިއްޔެގެ ނިޔަލަށް ބަސް ދަތުރުތަކުން ފީއެއް ނުނަގަ އެވެ. އެކަމަކު އެއީ، ދެކޮޅު ޖެހޭނެ ގޮތަކަށް ނުވާނެތީ، ބަސް ދަތުރުތަކުން ފީ ނަގަން ނިންމައި، ޚާއްސަ ކާޑެއް ވަނީ ތައާރަފްކޮށްފަ އެވެ. ކާޑެއްގެ އަގަކީ 20ރ. އެވެ.

އެ ކާޑު، މާލޭގައި ހުންނަ ހުޅުމާލެ ބަސް ޓާމިނަލުންނާއި ހުޅުމާލޭގެ މައި ބަސް ޓާމިނަލުން އަދި ސްޓެލްކޯ ކައިރީގައި ހުންނަ ބަސް ސްޓޮޕުން ވިއްކާނެ އެވެ. ކާޑު ވިއްކާ ތަންތަނުން ކާޑަށް ފައިސާ އެޅޭއިރު އެއް ކާޑުން ކިތަންމެ ގިނަ މީހުންނަކަށް ވެސް ދަތުރު ކުރެވޭނެ އެވެ.

ބަހުގައި ބޭނުންކުރާ ކާޑަށް ޚާއްސަ މެޝިންތައް، ބަސް ޓާމިނަލާއި ބަހުގެ އެތެރޭގައި ވެސް ހުންނާނެ އެވެ. އެ މެޝިނަށް ކާޑު ދިއްކޮށްލުމުން، ދަތުރަށްވާ ފައިސާ އުނިވާނެ އެވެ.

މާލެ/ހުޅުމާލެ ދަތުރުތަކަށް ކާޑު ބޭނުންކުރި ކަމުގައި ވިޔަސް ހުޅުމާލެ/އެއާޕޯޓް ދަތުރުތަކުގައި ޓިކެޓް ގަނެގެން ދަތުރުކުރެވޭނެ އެވެ.

ސިނަމާލެ ބްރިޖުގައި ބަހުގެ ހިދުމަތް ދޭން އެމްޕީއެލްއާ ކުރީގެ ސަރުކާރުން ހަވާލުކުރުމުން އެކަމަށް މުޅިން އާ ބަސްތައް ގެންނަން 100 މިލިއަނެއްހާ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.