ނުހައްގުން ވަޒީފާއިން ވަކިކުރި މީހުން ޝަކުވާ ހުށަހަޅަން ދިން މުއްދަތު އިތުރުކޮށްފި

ކުރީގެ ސަރުކާރުން ސިޔާސީ ގޮތުން ނުހައްގުން ވަޒީފާއިން ވަކިކުރި މީހުން އެކަމުގެ ޝަކުވާ ހުށަހެޅުމަށް ރައީސް އޮފީހުން ދިން މުއްދަތު މިއަދު އިތުރުކޮށްފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށް ކޮމެޓީއެއް ވަނީ އުފައްދައިފަ އެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން އެ ކޮމެޓީއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދު ހަމަވާނެ އެވެ.

ނަމަވެސް އެ އޮފީހުން ބުނީ ވަޒީފާއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމަށެވެ. އެހެންވެ މި މަހުގެ 21 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް ބުންޏެވެ.

ޝަކުވާ ހުށަހެޅުމުގެ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން އަދި ވެބްސައިޓުން ވެސް ލިބެން ހުންނާނެ އެވެ. ވަޒީފާއާ ގުޅޭގޮތުން މިއަދުގެ ނިޔަލަށް 451 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.