ފޮޓޯ ނަގައި ނުވަތަ ސްކެޗްކުރާ ވަރަށް ހުނަރުވެރިން އުޅެއެވެ. އެކަމަކު މިއީ އަދި ތަފާތު ހުނަރުވެރިއެއްގެ ވާހަކައެވެ. އޭނާގެ ޖާދޫގައި އެންމެން ޖައްސަނީ ފޮޓޯގްރަފީ އާއި ޑިޖިޓަލް އާޓްސް މައްސުނިކޮށްގެންނެވެ.
"މި ރާއްޖޭގަ އުޅޭ ބައިވަރު ފޮޓޯގްރަފާސްއާ ގްރެފިކް ޑިޒައިނަރުންނާ އާޓިސްޓުން. އަހަރެންނަކީ ވެސް އޭގެ ތެރެއިން އެކަކު. އެކަމަކު އަހަރެން ކުރާ މަސައްކަތް ތަފާތު އެފަދަ އެހެން މީހުންނާ. އެއީ އަހަރެންގެ މި އިންނަނީ އެ ހުރިހާ އެއްޗެއްގެ މިކްސްއަޕެއް. އަދި އެވެސް ޔުނިކް ގޮތަކަށް އަމިއްލަ ސްޓައިލާ ޓެކްނިކްސް ބޭނުން ކޮށްގެން."
އުމުރުން 18 އަހަރުގެ އަލީ ސައިފް މުހައްމަދު އޭނާގެ ޖާދޫގައި ގިނަ ބަޔަކު ޖައްސަމުން އަންނައިރު، އަމަލީ ގޮތެއްގައި އޭނާ މި މިސައްކަތް ފެށީ މީގެ ހަތަރު ވަރަކަށް އަހަރުކުރިން އުމުރުން އެންމެ 14 އަހަރުގައި ސްކޫލްގައި އުޅެމުންނެވެ.
"އޭގެކުރިން ކޮންޕިއުޓާ ނޫނީ ފޯން ނޫނީ ޑިޖިޓަލް އާޓްގެ އެއްވެސް މަސައްކަތެއް ނުކުރަން، އަނެއްހެން ފޮތުގަ ސްކެޗްސް އެއްޗެހި ހަދާލާ އުޅެން. އޭރު ބޮޑަށް އިންނާނީ އާޓް. އާޓް ސްޓްރީމް ކިޔެވީ ވެސް، (އެކަމަކު) ފެމިލީގަ ކުރަހާ މީހަކަށް ވެސް ސައިފް އެކަނި ހުންނާނީ އަނެއްހެން. ޓެކްނޮލޮޖީ ފީލްޑްގަ ވެސް ނޫޅޭނެ ފެމިލީ އެއްވެސް މީހެއް"
ސައިފްގެ ހުނަރުވެރިކަމާ އޭނާގެ އާއިލާއަކާ ވެސް ގުޅުވޭކަށް ނެތެވެ. މިކަމަށް ހިތް ޖެހުނު ވަރުން މި ދާއިރާއަށް ވަނީ އަމިއްލައަށެވެ.
ކުޑައިރު ސައިފްގެ ރައްޓެހިން ގޭމް ކުޅުމަށް ވަރު ދައްކާލާފައި އުޅުނުއިރު ވެސް އޭނާގެ ޝައުގުވެރިކަން އަބަދުވެސް ހުންނަނީ މި ދާއިރާއިން އޭނާގެ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކޮށް އާ ޓެކްނިކްތައް ދަސްކޮށް އާ ހޯދުންތައް ހޯދާށެވެ.
"ތެދުތެދަށް ބުނަންޏާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެއްވެސް މީހެއްގެ ނޫނީ ޔޫޓިއުބްގެ ހެލްޕެއް ވެސް ބޭނުމެއް ނުކުރަން. ހަމަ އެކަނި ލިބޭ ހެލްޕަކީ އަހަރެންގެ މަސައްކަތްތައް ދެކެ ލޯބިވާ (ބަލައިގަންނަ) ރައްޓެހިންގެ ފަރާތުން ލިބޭ މޯޓިވޭޝަން"
ސައިފްގެ މި މަސައްކަތަށް އިތުރު ބާރެއް ލިބުނީ ފޯނެއް ލިބުނު ހިސާބުންނެވެ. "ޕިކްސް އާޓް" ނަމަކަށް ކިޔާ އެޕްލިކޭޝަނެއްގެ މޮޅު ފީޗާސްތަކެއްގެ ސަބަބުން އެޔަށް ހިތްޖެހި، އެޑިޓް ކުރަން ނޭނގޭއިރު ވެސް މިކަމުގައި "ހޭކުނީ"އެވެ. އެހެން އުޅެމުން ގޮސް ކަންކަން ދަސްވަނީ އެވެ.
ސައިފްގެ މި އާޓްވޯކްގެ ހުރިހާ މަސައްކަތެއްހެން ކުރަނީ އޭނާގެ ފޯނުންނެވެ. ލެޕްޓޮޕްގެ ބޭނުންކުރަނީ ވަރަށް ކުޑަކޮށެވެ. ޑިޖިޓަލް ސްކެޗާ ފޮޓޯޝޮޕިން އިން ފެށިގެންގޮސް ގްރެފިކް ޑިޒައިނާ ގުޅުންހުރި ހުރިހާ ކަމެއްވެސް ކުރަނީ އަތުގައި އޮންނަ މޯބައިލް ފޯނުންނެވެ.
މިހާތަނަށް ތަފާތު މަސައްކަތްތައް ސައިފް ކޮށްފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ އޭނާ ހެދި ރެސްޓޯރެންޓެއްގެ ލޯގޯ އެވެ.
"ލޯގޯ ހަދަން ފުރުސަތު ލިބުނީ ރައްޓެއްސެއް ތްރޫކޮށް. އާންމުކޮށް ރައްޓެހިން ގްރެފިކް ޑިޒައިނިން ކަންކަމުގަ ބޭނުންޖެހިއްޖެއްޔާ ކޮންޓެކްޓް ކުރޭ."
"ލޯގޯއެއް ނޫނީ ލަވައެއްގެ އާޓް އަލްބަމްއެއް ވިޔަސް، ކޮންމެ ޕްރޮޖެކްޓެއް ބޮޑަށް ފަށައިގަންނަނީ އެ ޕްރޮޖެކްޓެއް ވަރަށް ޕްލޭން ކޮށްގެން. ބޮޑަށް އެ ޕްރޮޖެކްޓް ހަވާލުކުރާ ފަރާތުގެ އައިޑިޔާސްއާ ސައިފްގެ އައިޑިޔާސް ބޭނުންކޮށްގެން ފުރަތަމަ ޑީމޮންސްޓްރޭޝަން އެއް ފޯނުން ހަދަނީ. ދެން އެ ފަރާތުން އެޕްރޫވަލް ދިނީމަ ޕްރޮޖެކްޓްސް ފަށަނީ."
ސައިފް އެޑިޓްކޮށްއުޅެނީ އޭނާ އަމިއްލަ އަށް ނަގާ ފޮޓޯ އެކަންޏެއް ނޫނެވެ. އެހެން މީހުން ނަގާފައި ހުންނަ ފޮޓޯތައްވެސް އެ ފޮޓޯގްރަފާގެ ހުއްދަޔާއެކު އެޑިޓްކުރެ އެވެ. އޭނާގެ ޔުނިކް ސްޓައިލަށް އެ ފޮޓޯއެއް "ފައްތާލަ"ދެއެވެ.
"ނެގަޓިވް ފީޑްބެކްސް ވަރަށް މަދުން ލިބެނީ. ސައިފް ގިނަ ފަހަރު ނެގަޓިވް ފީޑްބެކްތަކަށް ރައްދު ނުދެން، އެކަމަކު ޕޮސިޓިވް ކޮންމެ ފީޑްބެކަކަށް ރައްދު ދެން"